ރައްޔިތުންގެ މަޖިލީހަށް މިއަހަރަށް ފާސްކުރި 56 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވަމުންދާއިރު، ސަރުކާރުން ކުރި ކަމެއް ފެންނަން ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީގައި ރޭ ބޭއްވި "ހޯރަފުށި ދުވަސް" ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވަމުންދާއިރު ތަރައްގީގެ ގޮތުން ކުރެވުނު ކަމެއް ނެތް ކަމަށާއި އެކަމުގެ ޝަކުވާ ކޮންމެ ރަށަކުން ވެސް ކުރަމުންދާ ކަމަށެވެ.
"މި ދައްކަނީ މަދު އަދަދެއްގެ ފައިސާގެ ވާހަކައެއް ނޫން. ކަމެއް ކުރި ގޮތުގެ ތަފްސީލެއް ހާމައެއް ނުކުރޭ. ބަޖެޓެއް ހުށަހަޅާއިރުގައި ކަން ކުރަންވީ ގޮތުގެ ތަފްސީލެއް ނުދެއްވާ. ދެން ކިހިނެއްތޯ ކަމެއް ކުރާނީ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ވަރުބަލިކަމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އެއް ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް. އެ ނޫން އެއްކަމެއް ވެސް ނުފެނޭ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ސަރުކާރުގެ ފަރާތުން ފެންނަމުން ދަނީ އެއްވެސް ޕްލޭނެއް ނެތި މަތިމައްޗަށް ވައުދުތައް ވަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރު 15 ވަރަކަށް އެއާޕޯޓު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެކަން ކުރަން ވާނީ ޕްލޭނަކާއެކު ފައިސާ ވެސް ހޯދައިގެން ކަމަށް އިބޫ ވިދާޅުވި އެވެ.
"މިއިން އެއާޕޯޓެއް އަޅަން މަދުވެގެން 12 މިލިއަން 15 މިލިއަން ޑޮލަރު ހަރަދުވާނެ. ކޮބައިތޯ ފައިސާ؟ އެ ފައިސާ ނެތި ކިތަންމެ ވައުދެއް ވިޔަސް އަދި އެކަން ކުރާނެ މީހުން ކޮބައިތޯ؟ ބޭރު ބަޔަކާ އެކަން ކުރަން ހަވާލުކުރަނީތޯ، ކޮށްފިއްޔާ އަނެއްކާވެސް މި ލިބޭ ޑޮލަރުކޮޅު އަނެއްކާވެސް ދާނީ ބޭރަށް،" އިބޫ ވިދާޅުވި އެވެ.
މި ސަރުކާރުން އެއާޕޯޓުތަކާއި ބިން ހިއްކަން ހަވާލުކުރަނީ ދުވަހަކު ވެސް މިފަދަ މަސައްކަތްތަކެއް ކޮށްފައި ނުވާ ސަރުކާރުގެ ކުންފުނިތަކަކާއި ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ރަނގަޅަށް ހިނގަ ހިނގާ ހުރި ކުންފުނިތައް ވެސް ހަލާކުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މިފަދަ ހުރިހާ ކަމަކާއި ދޭތެރޭ ވަރަށް ފުންކޮށް ރައްޔިތުން ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.