Last Updated: July 4, 10:57
Saturday, July 4, 2026
ޚަބަރު

އައިޑީ ކާޑުގެ ހިދުމަތް މީދޫގައި ފަށަނީ

އައްޑޫ ސިޓީ މީދޫގައި އައިޑީ ކާޑުގެ ހިދުމަތް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މީދޫގައި އައިޑީ ކާޑުގެ ހިދުމަތް ފެށުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އާއި މީދޫ އަވަށު އޮފީހާއި ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޑީއެންއާރް އިން މީގެކުރިން ވަނީ ހިތަދޫ އާއި ހުޅުދޫގައި މި ހިދުމަތް ފެށުމަށް އައްޑޫ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ވެސް މި ޚިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މެލޭޝިއާގައި ވަނީ އައިޑީ ކަޑު ހަދައި ދޭން ފަށައިފަ އެވެ. މީގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ އަދި އިނގިރޭސިވިލާތުގައި ވެސް ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.