Last Updated: July 4, 10:57
Saturday, July 4, 2026
ޚަބަރު

ނޮޅިވަރަމަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެރަށު ޔާދު، އުމުރުން 48 އަހަރުގެ ޢަލީ ރަޝީދު ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަނާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އޭނާ ހައްޔަރުކުރީ ނޮޅިވަރަމަށް އައި ބޯޓަކުން ގެނައި ފޮށިގަނޑަކާއި ޑަބިޔަލެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ޕެކެޓު ފެނުނު މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.