ޕީޕަލްސް ނެޝަނަލް ފްރޮންޓް (ފީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޕާޓީގެ ދެ ނައިބު ރައީސުންގެ މަގާމުން ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ އިތުރުން ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އިންތިހާބުކޮށްފި އެވެ.
އެ ބޭފުޅުން މަގާމުތަކަށް އިންތިހާބުކުރޫ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޕާޓީގެ ގައުމީ ޖަލްސާގަ އެވެ.
ޕީއެންއެފްގެ ރައީސްގެ މަގާމަށް ޔާމީން އިންތިހާބުވެވަޑައިގަތް އިރު، އެ މަގާމަށް ކުރިމަތިލެއްވީ ވެސް އެ މަނިކުފާނު އެކަންޏެވެ.
އަދި ރައީސާއި ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވެސް ކުރިމަތިލެއްވީ އެ މަގާމުތަކަށް އިންތިހާބުކުރަން ޖެހޭ އަދަދަށް ކަމަށްވާތީ މަގާމުތަކަށް ވޯޓެއް ނުނަގަ އެވެ.
ހަޒާންދާރުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލި އިރު، އެ މަގާމަށް އިންތިހާބުވީ 219 ވޯޓާއެކު އަލީ ޝިޔާން ނާޝިދެވެ. ދެން ވާދަކުރި ނިހާދު މުހައްމަދު އަލީއަށް ލިބުނީ 117 ވޯޓެވެ.
ޕީއެންއެފްގެ ސެނެޓުގެ 14 މަގާމަށް 48 ކެންޑިޑޭޓަކު ވާދަކުރިއެވެ. އޭގެ ތެރެއިން ސެނެޓަށް ހޮވުނު މެންބަރުންނަކީ
އާދަމް އާސިފް (އާސިއްޕެ)، އަހުމަދު ފަޔާޒް (ޕާޕާ)، އަބްދުﷲ ސަމަދު (ސަމަދުބެ)، ޝަރީފާ ސައީދު، ހަލީމަތު ޒުހައިރާ
އަލީ ޝާހު، ނާއިފް ޝައުކަތު، ފާތިމަތު ރަހުމާ، މުުހައްމަދު އަބްދުލް ލަތީފް (ލައްޗޭ)، އަދުލީ އިސްމާއީލް، އަބްދުﷲ ސަހީލް ޖަލީލު
މުހައްމަދު މައިޒަރު އާދަމް ޒާހިރު، ޑރ. އަބްދުﷲ އިބްރާހިމް އަދި އާއިޝަތު ހަފީޒެވެ.
ޕީއެންއެފަކީ 2023 ގެ ފަހުކޮޅު ރަސްޓްރީކޮށް ދިން ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދިނީ އެ އަހަރުގެ ނޮވެމްބަރު 29 ގަ އެވެ. އަދި އެ ޕާޓީ ރަޖިސްޓްކޮށް ދިނީ މިދިޔަ އަހަރުގެ އެޕްރީލް 25 ގަ އެވެ.