ބޮލީވުޑްގެ ތަރި، ވަރޫން ދަވަން އޭނަގެ ބައްޕަ ޑައިރެކްޓަރު، ޑޭވިޑް ދަވަނާ އެކު މަސައްކަތްކުރި ހަތަރު ވަނަ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ އާ ތާރީހު އިއުލާންކޮށްފި އެވެ.
ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ކުރިން މި މަހު ސިނަމާތަކަށް ގެންނަ ގޮތަށް އިއުލާންކުރި ފިލްމެކެވެ. ނަމަވެސް ފިލްމުގެ ޝޫޓިން މި އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާލީ އަންނަ އަހަރަށް ފަސްކޮށްފައިވާކަން އިއުލާންް ކުރަމުންނެވެ.
އެގޮތުން މިހާރު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ބެލުންތެރިންނަށް ދޫކޮށްލަން ނިންމި އާ ތާރީހަކީ އަންނަ އަހަރުގެ ޖޫން 5 އެވެ.
އިންޑިއާގެ އިތުރުން ސްކޮޓްލޭންޑްގައި ޝޫޓްކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީގެ ލީޑް ބަތަލާއިންނަކީ މުރްނާލް ތާކޫރާއި ޕޫޖާ ހެގްޅޭ އެވެ. އެހެންވެ "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އަކީ އެ ދެ ތަރިން ވެސް ވަރޫންއާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ޗަންކީ ޕާންޑޭ، މޯނީ ރޯއި، ކުބްރާ ސައިތު، މަނީޝް ޕޯލް، އަލީ އަސްގަރު އަދި ރަޖީވް ކަންޑެލްވާލް (ސޫޖަލް) ވެސް ހިމެނެ އެވެ.
ދަރިފުޅު ވަރޫންއާ އެކު ޑޭވިޑް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2021 ގެ "ކޫލީ ނަންބަރު 1" އެވެ. ދެބަފައިން އެކީގައި މަސައްކަތް ކުރި އެހެން ފިލްމުތަކީ "ޖުޅުވާ 2" އާއި "މޭ ތޭރާ ހީރޯ" އެވެ.
ޑޭވިޑްގެ އާ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ ޓައިޓްލް ނަގާފައި ވަނީ އޭނަ 1999 ގައި ގެނެސްދިން ހިޓް ފިލްމު "ބީވީ ނަންބަރު 1" ގެ ލަވައަލުންނެވެ. އެ ފިލްމުގެ ތަރިންނަކީ ސަލްމާން ޚާނާއި ކަރިޝްމާ ކަޕޫރްގެ އިތުރުން ސުޝްމިތާ ސެން އެވެ.