އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން އާއްމުކުރިތިންވަނަ ކުއާޓަރުގެ މާލީބަޔާން ދައްކާ ގޮތުން އެ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާ އިރު 8 ޕަސެންޓްގެ ކުރިއެރުމެނެވެ.
އެސްޓީ އޯއިން ބުނީ މިދިޔަ ކުއާޓަރުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވުން ކަމަށެވެ. އަދި ތިން ވަނަ ކުއާޓަރުގައި އެސްޓީއޯގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ 8 ޕަސެންޓް އިތުރުވެފައިވެ އެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިއީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާ އިރު 5 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ މާލީ ބަޔާން ދައްކާ ގޮތުން ތިން ވަނަ ކުއާޓަރުގައި ވިޔަފާރި އާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށް ފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ޚަރަދު ވަނީ ރީކްލެސިފައި ކުރެވިފައެވެ. މިއާ އެކު ޖުމްލަ ހިންގުމުގެ ޚަރަދު 367 މިލިއަންއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފަވެ އެވެ. އެހެންވެ ހިންގުމުގެ ފައިދާ ވަނީ 23 ޕަސެންޓް އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވެ އެވެ.
އެހެންވެ ޓެކްސްއަށް ކެނޑުމުގެ ކުރިން ތިން ވަނަ ކުއާޓަރުގެ ފައިދާގެ ގޮތުގައި 230 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމަށްފަ ހު، ސާފު ފައިދާ އުޅެނީ 186 މިލިއަން ރުފިޔާގަ އެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 14 ޕަސެންޓްގެ އިތުރުވުމެކެވެ.