Last Updated: April 24, 11:01
Wednesday, April 24, 2024
ރިޕޯޓް

ނާޗަރަންގީ ކުޅުމަށާއި ޒުވާން "ގްރޫޕުތަކަށް" މިލިއަނުން ޚަރަދުކުރެވޭ އިރު މިސްކިތްތަކުގެ ކަރަންޓު ބިލަށް ޚަރަދުކުރުން ބުރައަކަށް !

ރައީސް ދަތުރުކުރެއްވި ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަފްސީލު ދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެއް ވާހަކަ އަކީ "ޒުވާނުންގެ އެކި ގުރޫޕުތަކަށް ބޭނުންވާ ފައިސާ އާއި އެކި ކަންކަން ކުރިން ހަމަޖައްސަމުން ދިޔައީ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް" ކަމަށާއި އެހެން ނަމަވެސް "އެއަށް ގޮތްތަކެއް ރާވަން ޖެހޭ،" ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން މިގޮތަށް ވާހަކަ ދެއްކެވުމާއި އެކު ގިނަ ބަޔަކު ސިފަކުރީ އެއީ އެމަނިކުފާނު މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކަށް ފައިސާ ޚަރަދުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވީ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އެކަމާއި ގުޅުވައިގެން ސަރުކާރަށް ފާޑުކިޔަން ފެށުމާއި އެކު ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ވަނީ، ރައީސް ޔާމީން ގައުމާއި މުޚާތަބް ކުރައްވާ ދެއްވި ތަގްރީރުގައި "ޒުވާން ގްރޫޕްތައް" ކަމަށް ވިދާޅުވެފައިވަނީ ޒުވާނުންގެ ތެރެއިން އުފެދިފައިވާ އިޖްތިމާއީ ކުޅިވަރު ހަރަކާތްތަކާއި ޒުވާނުންގެ ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތައް ކަމަށް ބުނެފައެވެ.

ރައީސް ޔާމީން "ޒުވާން ގްރޫޕްތައް" މާނަ ކުރެއްވީ، ނުރައްކާތެރި ކުށްވެރިން އުޅޭ ގޭންގްތައް ކަމަށް ވިޔަސް އަދި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ޖަމިއްޔާތައް ކަމުގައި ވިޔަސް، ސާފުކޮށް އެނގެން އޮތްކަމަކީ، ދިވެހި ސަރުކާރުގައި ޚަރަދު ކުރާނެ ފައިސާ ހުރި ކަމެވެ. ނުވަތަ "ޒުވާން ގްރޫޕްތައް" ހިންގުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތައް ރޭވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމެވެ.

ސަރުކާރުގައި ފައިސާ އެބަހުއްޓެވެ. ކުރަން ބޭނުންކުރާ ކޮންމެ ކަމެއް ކުރެވެއެވެ. މިއީ މިއަދު ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ. އެހެން ނަމަވެސް ހިތާމައަކީ، ފައިސާ ނެތްކަމަށް ބުނެ އޭސީ ހަރުކޮށްފައިވާ މިސްކިތްތަކުގެ ކަރަންޓު ބިލްތަކަށް ފައިސާ ދެއްކުން ދިވެހި ސަރުކާރަށް ބުރައަކަށް ވުމެވެ.

ދިވެހި މުޖްތަމަޢަކީ އިސްލާމްދީނުގައި ސާބިތުވެތިބޭ، ދީނީކަންކަމުގައި ހޭލުންތެރި މުޖްތަމަޢަކަށް ހެދުމަކީ އިސްލާމިކް މިނިސްޓްރީގެ ތަސައްވުރު ކަމުގައި ވިޔަސް، އެމިނިސްޓްރީގެ ފަރާތުން ދައްކާ ވާހަކަތައް މިދަނީ ދިމާ އިދިކޮޅަށެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން، މީޑިޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މިސްކިތްތަކުގައި އޭސީ ބެހެއްޓުމާއި، އޭސީގެ ކަރަންޓް ބިލަށް އިސްލާމިކް މިނިސްޓްރީން ފައިސާ ދެއްކުމަށް ހަމަޖެހިފައި ނުވާނެ ކަމަށެވެ. ކީއްވެގެން ހެއްޔެވެ؟ ސަރުކާރުގައި "ފާއިސާ" ނެތީއެވެ.

ނަމަވެސް ރާއްޖޭގައި ރަސްމީކޮށް ފާހަގަ ކުރާ ކޮންމެ ދުވަހަކާއި ގުޅުވައިގެން މިއުޒިކް ޝޯވް ތައް ބާއްވާނެ ފައިސާ ސަރުކާރުގައި އެބަހުއްޓެވެ. ކޮންމެ ހަފްތާ ބަންދެއްގައި ހަވާއަރުވާނެ ފައިސާ ސަރުކާރުގައި އެބަހުއްޓެވެ. ބޭރުން އެކި ފަންނާނުން ގެނެސްގެން ނާޗަރަންގީ ކުޅުމަށް ޚަރަދުކުރާނެ ފައިސާ ސަރުކާރުގައި އެބަހުއްޓެވެ.

ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ސީދާ ޔޫތް މިނިސްޓްރީ އިން ވެސް ކޮންމެ އަހަރެއްގެ މައްޗަށް މިލިއަނުން ޚަރަދުކުރެއެވެ. ފައިސާގެ ދަތިކަމެއް ނެތިއެވެ. "ޒުވާން ގްރޫޕް" ތަކަށް ފައިސާގެ އެހީ ދިނުމަށް ސަރުކާރަށް ހަމަ އެއްވެސް ދައްޗެއް ނެތެވެ. ދައުލަތުގެ ޚަޒާނާ ހުސްވަންދެން ޒުވާނުންގެ ކަންކަމަށް ޚަރަދު ކުރާނެ ކަން ދޭހަވާ ފަދަ ގޮތަކަށް ސަރުކާރުގެ އިސްވެރިން ވާހަކަ ދައްކާފައިވެސް އެބަހުއްޓެވެ.

ދިވެހި ސަރުކާރު ފަޤީރުވެ ނިކަމެތި މިވަނީ ހަމަ އެކަނި މިސްކިތްތަކުގައި ހަރުކޮށްފައިވާ އޭސީ ތަކުގެ ކަރަންޓު ބިލަށް ފައިސާ ދައްކަން ވުމުން ކަމަށް ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅު ތަކެވެ.

މިސްކިތްތަކަށް ވުރެ ވަކި މާތް ތަނެއް ހުންނާނެ ހެއްޔެވެ؟ އެތަންތަނަށް ޚަރަދު ނުކޮށް އިސްލާމްދީނުގައި ނަޙީކުރައްވާފައިވާ ކަންކަމަށް ދިވެހި ސަރުކާރުން މިލިއަނުން ޚަރަދު ކުރަމުން ދިއުމަށް ވުރެ ބޮޑު ބޭއިންސާފެއް މިޤައުމުގައި އޮންނާނެ ހެއްޔެވެ؟

މިއީ ދިވެހި އެންމެހާ ރައްޔިތުން ލަދުވެތިވާން ޖެހިފައިވާ ކަމެކެވެ. މިސްކިތްތަކަށް ޚަރަދުކުރުމަކީ، ﷲ ތަޢާލާގެ ދީން ކުރިއެރުވުމަށް ކުރެވޭ މަސައްކަތެކެވެ. އެކަން ހުއްޓާލާފައި ނާޗަރަންގީ ކުޅުމަށް ސަރުކާރުން ޚަރަދުކުރުން ހުއްޓާލަން ޖެހެއެވެ.