Last Updated: July 11, 06:01
Saturday, July 11, 2026
ޚަބަރު

ކަށި މިޔަރުގެ މަސްވެރިކަން ހުއްދަކޮށްފި

ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށް އެކަމާއި ގުޅޭ ގަވައިދު ނެރެފި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް ނެރުނު ގަވައިދުގައި ބުނެފައިވަނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމެޓީއެއް ހަދަން ޖެހޭނެ ކަމަށާއި އެ ކޮމެޓީގައި 13 މެމްބަރުން ހިމަނަން ޖެހޭނެ ކަމަށެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގަ އެެވެ. އެގޮތުން ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަމަށްވެސް ގަވާއިދުގައިވެ އެވެ.

ގަވައިދުގައި ވަނީ ކަށި މިޔަރުގެ މަސްވެރިކަމުގައި އެހެން ބާވަތެއްގެ މިޔަރެއްގެ މަސްވެރިންކަން ކޮށްފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެެވޭނެކަމަށް ކަނޑައަޅާފަ އެވެ. އަދި ގަވައިދާ ހިލާފުވާ ފަދަ ކަމެއް ކޮށްފިނަމަ، 400،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ވެސް ކުރެވޭނެ ގޮތް ވަނީ ހިމަނާފަ އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފައި މިވަނީ އެކަން ހުއްދަ ނުކުރަން ގޮވާލާ 60 ޖަމިއްޔާއަކުން ގޮވާލާފައިވަނިކޮށެވެ.

މީގެ 13 އަހަރު ކުރިން މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ އޭގެ އާބާދީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވުމުންނެވެ.