Last Updated: June 8, 09:28
Monday, June 8, 2026
މުނިފޫހިފިލުވުން

ރަންބީރް، އާއިލީ ފިލްމު ކުންފުނި ކޮޅަށް ޖަހަނީ!

ބޮލީވުޑްގެ ތަރި، ރަންބީރް ކަޕޫރްގެ އާއިލީ ފިލްމު ކުންފުނި "އާރްކޭ ފިލްމްސް" ނުވަތަ "އާރްކޭ ސްޓޫޑިއޯސް" އަލުން ކޮޅަށް ޖަހައި މި ޒަމާނާ ގުޅޭ ގޮތަށް އެ ސްޓޫޑިއޯގެ މަސައްކަތްތައް އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި މަސައްކަތުގައި އެންމެ އިސްކޮށް ހުރީ ރަންބީރް ކަމަށެވެ. އެގޮތުން "އާރްކޭ ސްޓޫޑިއޯސް" އަށް ހަދާ ފިލްމަކުން އޭނަ ޑައިރެކްޝަނަށް ވެސް ނުކުންނަން ނިންނާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެހެންވެ ގާތް އެކުވެރިޔާ އަދި ޑައިރެކްޓަރު އަޔާން މުކަރްޖީގެ ލަފަ އާއި އިރުޝާދުތައް ވެސް ހޯދައި ރަންބީރް މިހާރު ވަރަށް ގިނަ ސްކްރިޕްޓްތަކެއް ވެސް ކިޔަމުން އަންނަ ބުނެފައިވެ އެވެ.

"އާރްކޭ ސްޓޫޑިއޯސް" އަށް ނިސްބަތް ވަނީ ރަންބީރްގެ ކާފަ އަދި ހިންދީ ސިނަމާގެ ލެޖެންޑް ރާޖް ކަޕޫރަށެވެ. އެ ސްޓޫޑިއޯ އަށް ނަން ދީފައި އޮތީ އޭނަގެ ނަމުގެ ފެށޭ އަކުރުންނެވެ. އެ ސްޓޫޑިއޯ އިން 1948-1999 އާ ދޭތެރޭ ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވެ އެވެ.

ރަންބީރްގެ ބައްޕަ ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ ފިލްމީ ކެރިއަރުގައި ޑައިރެކްޓްކުރި ހަމައެކަނި ފިލްމަކީ ވެސް އާރްކޭ ސްޓޫޑިއޯސްގެ ފިލްމެކެވެ. އެއީ 1999 ގެ "އާ އަބް ލޯޓް ޗަލޭ" އެވެ. އެއީ އެ ސްޓޫޑިއޯ އިން އެންމެ ފަހުން ގެނެސްދިން ފިލްމު ވެސް މެ އެވެ.

އާރްކޭ ސްޓޫޑިއޯސްގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އާގް (1948)، ބަރުސާތު (1949)، އާވާރާ 1951)، ސަންގަމް (1964)، ބޮބީ (1973)، ސަތިއަމް ޝިވަމް ސުންދަރަން (1978)، ޕްރޭމް ރޯގް (1982) އަދި ރާމް ތޭރީ ގަންގާ މޭލީ (1985) ހިމެނެ އެވެ.

ވަޅުޖެހިފައި އޮތް އާއިލީ ފިލްމު ކުންފުނި އަލުން ދިރުވަން ރަންބީރް ފޫގަޅާފައިވާ އިރު، އޭނަ އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރެވެ. "އާރްކޭ ސްޓޫޑިއޯސް" ގެ މަސައްކަތް އަލުން ފަށަން ރަންބީރް ތައްޔާރީތައްވަމުން އަންނަ އިރު، އޭނަގެ އަންހެނުން މަޝްހޫރު ބަތަލާ އާލިއާ ބަޓް އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަ އެވެ.

އެއީ އާލިއާ ކުޅުނު "ޑާލިންސް" އާއި "ޖިގްރާ" ގެނެސްދިން އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް އެވެ.

ރަންބީރްގެ ކުރިއަށް ފިލްމަކީ އާލިއާއާ އެކު އަންނަ އަހަރު ފެންނާނެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އެވެ. އެ ފިލްމުގެ ކާސްޓްގައި ވިކީ ކޯޝަލް ވެސް ހިމެނެ އެވެ.