Last Updated: June 8, 09:28
Monday, June 8, 2026
ދުނިޔެ

އިންޑިއާ އާއި އެމެރިކާ 10 އަހަރުގެ އެއްބަސްވުމަކަށް

ކުރިއަށް އޮތް 10 އަހަރަށް އިންޑިއާ އާއި އެމެރިކާއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަ ކުރަން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައި ވަނީ މިއަދު މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރްގައި އޮތް ބައްދަލުވުމެއްގެ ހަވާސާގެ ތެރެއިންނެވެ. އެގޮތުން އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތެވެ.

ދެ ގައުމުގެ މެދުގައި ދިފާއީ ގުޅުން ވަރުގަދަ ކުރަން ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން ހެގްސެތު އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއީ ގުޅިގެން މަސައްކަތް ކުރުމާއި ސަރަހައްދުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ރާޖްނާތު ވެސް ވިދާޅުވީ އިންޑިއާ އާއި އެމެރިކާ އަކީ އަބަދު ވެސް ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި ވަކިން ހާއްސަކޮށް ދިފާއީ ގޮތުން ދެ ގައުމުގެ މެދުގައި އޮންނަނީ ވަރަށް ވެސް ބަދަހި ގުޅުމެއް ކަމަށެވެ. އަދި އެކަން އަބަދު ވެސް އެގޮތަށް ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާއާ އެކު އިންޑިއާ ދިފާއީ ގުޅުން ވަރުގަދަ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފައި މި ވަނީ އެ ގައުމުން އެމެރިކާ އަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް 50 ޕަސެންޓަށް ބޮޑުކޮށްފައިވާތީ އެކަމުގެ ނުތަަވަސްކަން ވެރިފައި އޮތް ދަނޑިވަލެއްގަ އެވެ.

އެމެރިކާ އިން ދަނީ ރަޝިއާ އިން ތެލާއި ހަތިޔާރު ގަތުން ހުއްޓުވުމަށް ވެސް އިންޑިއާ އަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.