އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރާ ކަމަށް ބުނެ އޮޅުވާލަމުންދާ ކަމަށާއި މިއީ ފެނަކަ އިން ރައްޔިތުންނަށް ދެމުންްދާ އަނިޔާއެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މިއަދު ވެސް ގިނަ އިރުތަކަކަށް ކަރަންޓް ކެނޑުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ މައްސަލަ އަށް ހައްލު ހޯދުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ އޮޅުވާލުންތަކެއް ކަމަށެވެ. އަދި ސަރުކާރުން އައްޑޫގައި ފަށާ "މިނީ ޕްރޮޖެކްޓްތައް" ފައްޓަވައި ދެއްވަން އަންނަ ބުދަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާ ދަތުރާ ގުޅުވައި "ނޫސަތަރި އޮޅާލައިގެން ކުޑަމުޅޯށިތަކުގައި ގެންނަ ޖަނަރޭޓަރުތަކުން އައްޑޫގެ ކަރަންޓް މައްސަލަ ހައްލެއް ނުކުރެވޭނެ" ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ފެނަކައިން އައްޑޫގައި ދޭ ހިދުމަތްތަކަކީ ކުރެވޭ އަނިޔާތަކަށް ވަނީ ބަދަލުވެފައި. މަރާމާތުގެ ނަމުގައި އައްޑޫގައި އަލަށް ހެދި މަގުތަށް ދަނީ ވީރާނާ ކުރަމުން. އަލަށް ދެވޭ ހިދުމަތެއް ނެތް،" އޭނަ ވިދާޅުވި އެވެ. "އެދިފައިވާ ހިދުމަތްތަކަށް އެޓެންޑް ނުވެވި އެތަކެއް ސަތޭކަ ހިދުމަތުގެ ކިއުގައި އެބައޮތް."
ނިޒާރު ވިދާޅުވީ މިދިޔަ ހަފުތާގައި ހިތަދޫގައި ދެމަފިރަކު މަރުވި ހާދިސާ އަކީ ވެސް ފެނަކައިގެ އިހްމާލް ހިމެނޭ ކަމަށް ރައްޔިތުން ތުހުމަތުކުރާ ކަމަށެވެ. އޭނަ ވިދާޅުވީ ދެމަފިރިން އުޅެމުން ދިޔަ ގެއަށް ކަރަންޓް ގުޅައި ދޭން ފިރިހެން މީހާ އިބްރާހިމްދީދީ ދެ މަސްވަންދެން ކުރި އާދޭސް ފެނަކަ އިިން އަހާފައި ނުވާ ކަމަށެވެ.
އެހެންވެދެމަފިރިން މަރުވީ ގޭގައި އަމިއްލަ އަށް ޖަނަރޭޓަރެއް ބަހައްޓައިގެން ކަރަންޓް ބޭނުން ކުރަމުން ދިއުމުން ގޭތެރޭގެ ވައި ވިހަވެގެން ކަމަށް ބެލެވޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މިއީ ސިޔާސީ ވާހަކައެއް ނޫން. މިއީ އަޅުގަޑުމެން ވައްޓާލެވިފައިވާ ހާލަތު،" ނިޒާރު ވިދާޅުވި އެވެ. "އައްޑޫ ރައްޔިތުންގެ މި އުދާސްތަކަށް ހައްލެ ހޯއްދަވައި ނުދެއްވައި ރައީސް އައްޑޫ ސިޓީ އަށް ރައީސް ވަޑައިގަންނަވާ ސަބަބެއް ވިސްނުމަކަށް ނުގެނެވޭ."
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް އަހަރެއްވެއްޖެ އެވެ.
މިކަން ހައްލު ކުރުމުގެ ގޮތުން ފެނަކައިން ދާދި ފަހުން ވެސް އައްޑު އަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރު ވެސް ގެނެސްފައިވެ އެވެ.