Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ދިމާވި މައްސަލަ ހައްލުކޮށް، އައްޑޫއަށް ކަރަންޓު ދީފި

އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑު މެނޭޖް ކުރުމަށްޓަކައި އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް މިއަދު މެންދުރުން ފެށިގެން މިރެއާ ހަމައަށް ކަރަންޓު ކަނޑާފައިވެ އެވެ.

ފެނަކައިން ބުނީ އައްޑޫއަށް ކަރަންޓު ދެމުން އަންނަ ބޮޑު އެއް ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ ސިޓީން ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން ދިމާވި މައްސަލަ ދެނެގަތުމަށް ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތުން އެ މައްސަލަ ދެނެގަނެވި، އެ މައްސަލަ ހައްލުކޮށް އެ ސިޓީގެ ހުރިހާ ރަށްތަކަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

އައްޑޫގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.

މިކަން ހައްލުކުރުމުގެ ގޮތުން ފެނަކައިން ދާދިފަހުން ވަނީ އައްޑުއަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެނެސްފަ އެވެ. އަދި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ބުނެ އެވެ.