Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

އައްޑޫ ކަރަންޓަށް ދާއިމީ ހައްލެއް ހޯދައި ދޭނަން

މި އަހަރުގެ އޮގަސްޓްގައި ފެނަކައާ އެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން.

އައްޑުއަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެފި އެވެ.

އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑު މެނޭޖް ކުރުމަށްޓަކައި އައްޑޫގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް އިއްޔެ މެންދުރުން ފެށިގެން ރެއާ ހަމައަށް ކަރަންޓު ކަނޑާފައިވެ އެވެ.

އެ މައްސަލަ ހައްލުކޮށް ފެނަކައިން ވަނީ ރޭ އައްޑޫގެ ހުރިހާ ރަށްތަކަށް ކަރަންޓު ދީފަ އެވެ.

ފެނަކައިން ބުނީ އައްޑޫގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.

މިކަން ހައްލުކުރުމުގެ ގޮތުން ފެނަކައިން ދާދިފަހުން ވަނީ އައްޑުއަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެނެސްފަ އެވެ. އަދި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ބުނެ އެވެ.