ރިވާވެގެންވާ ގޮތުގައި أبو وهب البهلول ކޫފާގެ ހަނި ގޯޅިއަކުން ދަނިކޮށް ކުޑަކުދިންތަކެއް ކުޅެންތިއްބާ ފެނުނެވެ. އެކުދިން ނައްޓާއި އެނޫންވެސް އެފަދަ ތަކެތި ބޭނުންކޮށްގެން ކުޅެމުން ދިޔަ އެވެ. ނަމަވެސް އެއްކުއްޖަކު ފާރު ކައިރީގައި އެކަނި އިށީނދެ ފިކުރުކުރަމުން ދިޔައެވެ.
ބަހުލޫލް އެ ކުއްޖާ ގާތަށް ގޮސް ބުންޏެވެ.
"އޭ ލޯބިވާ ކުއްޖާ އެވެ. ތިބާގެ އަހަރެންނާއެކު އަންނާށެވެ. އަހަރެން ތިބާ ބާޒާރަށް ގެންގޮސް އެހެން ކުދިންނެކޭ އެއްފަދައިން ކުޅޭ އެއްޗެހި ގަނެދޭނަމެވެ."
ކުއްޖާ ބުންޏެވެ. "އޭ މީ ހާއެވެ. އަހަރެމެން ހެއްދެވީ ކުޅުމަކަށް ނޫނެވެ."
ބަހުލޫލް އަހާލިއެވެ. "އޭ ލޯބިވާ ކުއްޖާ އެވެ! އެހެންކަމުގައިވާ ނަމަ، އަހަރެމެން ހެއްދެވީ ކީއް ކުރަންތޯ އެވެ؟"
ކުއްޖާ ބުންޏެވެ. "ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމަށެވެ."
ބަހުލޫލް އަހާލި އެވެ. "ތިބާއަށް އެކަން އެނގުނީ ކިހިނެއްތޯ އެވެ؟"
ކުއްޖާ ބުންޏެވެ. "ﷲ ތަޢާލާގެ ބަސްފުޅުންނެވެ. (افحسبتم إنما خلقناكم عبثاً وأنكم إلينا لا ترجعون) 'ފަހެ ތިޔަބައިމީހުން ހީކުރަނީ ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ކުޅިވަރަކަށް ކަމަށް ހެއްޔެވެ؟ އަދި ހަމަކަށަވަރުން ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ޙަޟްރަތަށް އެނބުރި ނާންނާނެ ކަމަށް ހެއްޔެވެ؟' އަދި އެކަލާނގެ ވަޙީކުރެއްވި ބަސްފުޅުންނެވެ. (وما خلقت الجن واﻷنس إلا ليعبدون) "ޖިންނީންނާއި އިންސީން ތިމަން ރަސްކަލާނގެ ހެއްދެވީ ހަމައެކަނި އެބައިމީހުން ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށެވެ.
ބަހުލޫލް ބުންޏެވެ. "އަހަރެން އެ ކުއްޖާގެ ގާތަށް ގޮސް އޭނާ އަހަރެންގެ އުނގުމަތީ ބޭންދީމެވެ. އޭނާގެ މޫނުގައި ފިރުމާލަމުން އަހަރެން ބުނީމެވެ. 'އޭ ލޯބިވާ ކުއްޖާއެވެ، ތިބާ ތިޔާ ބޮޑަށް ބިރުވެތިވަނީ ކީއްވެގެން ހެއްޔެވެ؟ ތިބާއަކީ ކުޑަ ކުއްޖެކެވެ. ތިބާ އަދި ބޮޑެތި ފާފައެއް ނުކުރެއެވެ. ތިބަ ތިޔަފަދައިން ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟
ކުއްޖާ ބުންޏެވެ. "އޭ ބަހުލޫލް، އަހަރެންނާ ދުރަށްދާށެވެ. ﷲ ގަންދީ ބުނަމެވެ، އަހަރެންގެ މަންމަ ކުދި ދަރުތައް ބޮޑެތި ދަރުތަކުގެ ކުރިން އަލިފާނަށް އަޅާތަން އަހަރެން ދުށީމެވެ. އަހަރެން ބުނީމެވެ. 'އޭ މަންމާ އެވެ! ކުދި ދަރުތައް ދޫކޮށްލާފައި ބޮޑެތި ދަރުތަކުން އަލިފާން ރޯކުރާށެވެ."
އެ މަންމަ ބުންޏެވެ! 'އޭ އަހަރެންގެ ދަރިފުޅާ އެވެ، ބޮޑެތި ދަރުތައް ރޯވަނީ ކުދި ދަރުތަކުން ފެށިގެންނެވެ. އެހެންވީމާ، މީހަކު ނަރަކައިގެ ކުދި ދަރުތަކުގެ ތެރެއިން ވެދާނެތީ ބިރުނުގަންނާނެ ހެއްޔެވެ؟ އޭ ބަހުލޫލެވެ! ތިބާ ކުރި ކަމުގެ ކުޑަކަމަށް ނުބަލާ، ތިބާ އުރެދުނު ފަރާތުގެ މަތިވެރިކަމަށް ބަލާށެވެ."
ބަހުލޫލް ބުންޏެވެ. "އަހަރެން މި ވާހަކަ އަޑުއެހުމުން ހޭނެތުނެވެ. އަހަރެން ހޭވެރިކަންވީ އިރު އެ ކުއްޖާ އެތާކު ނެތެވެ."
ނޯޓް: މިއީ މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.