މި ސަރުކާރުގެ ޞިއްޙީ ދާއިރާގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ ދިވެހީންގެ ރާއްޖެއެއް ބިނާކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ދުންފަތާ ދެކޮޅަށް ރާއްޖޭން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި "ނޭޝެނަލް ޓޯޗް ރަން" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި ދިމާވާ ޞިއްޙީ ގިނަ މައްސަލަތައް ގުޅިފައިވަނީ ޞިއްޙަތާ ބީރައްޓެހި އަދި ކަނޑައެޅިގެން ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކާ ކަމަށާއި އަދި މިފަދަ އާދަތަކުން މުޖުތަމަޢުއާއި ޅަދަރިން ރައްކާތެރިކޮށް އަދި ދުޅަހެޔޮ އާދަތަކަށް ރައްޔިތުން އަހުލުވެރިކޮށް ޞިއްޙީގޮތުން ރައްކާތެރި، ޞިއްޙީ ދުޅަހެޔޮކަމަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބުކުރުމަކީ މިއަދު އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ކަންތައް ކަމަށެވެ.
މިގޮތުން ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވެގެންދާއިރު، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމުކަމަށް ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިޢުމަތްކަމަށާއި އެ ނިއުމަތަށް ޝުކުރުވެރިވުމަކީ އެ ނިއުމަތަށް އިހުމާލުނުވެ ރައްކާތެރިވުން ކަމަށެވެ. އަދި ސަލާމަތް ޞިއްޙަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އަދި މި ސަރުކާރުގެ ޞިއްޙީ ދާއިރާގެ މައިގަނޑު އަމާޒަކީ އަދި ސިޔާސަތުތައް ބިނާވެގެން ވަނީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް، ދުޅަހެޔޮ މުޖުތަމަޢެއް އަދި ދުޅަހެޔޮ ދިވެހީންގެ ރާއްޖެއެއް ބިނާކުރުމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޞިއްޙީ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުރާލާ ބަލިތަކުން ރައްކާތެރިވުމާއި އަދި ބަލިވުމުން ލިބެންޖެހޭ ފަރުވާގެ ކަންކަން ކަށަވަރުކުރުމަށް މިކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ވަށާޖެހޭގޮތެއްގައި މިކަން ކުރިއަށްގެންދިއުމަކީ މިއަދުގެ ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ މައިގަނޑު އަމާޒުކަން ފާހަގަކުރެއްވި އެވެ.