Last Updated: June 8, 09:28
Monday, June 8, 2026
މުނިފޫހިފިލުވުން

އަނަންޔާ އާއި ލަކްޝްގެ ފިލްމަށް ތާރީހެއް

މިދިޔަ ހަފުތާގައި ޝޫޓިން ނިންމައިލި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ޗާންދު މޭރާ ދިލް" ބެލުންތެރިންނަށް ގެނެސްދޭ ތާރީހު އިއުލާންކޮށްފި އެވެ.

ޒުވާން ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ ލީޑް ރޯލު ކުޅެފައިވާ މި ލޯބީގެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ އަންނަ އަހަރުގެ 10 ގަ އެވެ. "ޗާންދު މޭރާ ދިލް ވާނީ" ދަރުމާގެ މިދިޔަ އަހަރުގެ "ކިލް" އިން ތައާރުފިވި ލަކްޝްގެ ދެވަނަ ފިލްމަށެވެ.

އޭނަގެ އެންމެ ފަހުގެ މަސައްކަތަކީ މިދިޔަ ސެޕްޓެމްބަރުގައި ނެޓްފްލިކްސް އިން ގެނެސްދިންނ ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އެވެ.

ލަކްޝް އާއި އަނަންޔާގެ ޖޯޑު އެކީގައި ބޮޑު ސްކްރީނަށް ގެންނަ "ޗާންދު މޭރާ ދިލް" އަކީ ވިވެކް ސޯނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނަ އަކީ ދަރުމާގެ މި އަހަރުގެ "އާޕް ޖާސާ ކޮއީ" އާއި 2021 ގެ "މީނާކްޝީ ސުންދަރޭޝްވަރް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ. އެ ދެ ފިލްމަކީ ވެސް ސިނަމާތަކުގެ ބަދަލުގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމުތަކެކެވެ.

"ޗާންދު މޭރާ ދިލް" ސިނަމާތަކަށް ގެންނަ ވިވެކްގެ ފުރަތަމަ ފިލްމަށެވެ.

މި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރި އަނަންޔާ ބަތަލާގެ ރޯލު ކުޅެފައިވާ ދަރުމާގެ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަންނަ މަހުގެ 31 ގައި ސިނަމާތަކަށް ގެންނާނެ އެވެ. ސަމީރު ވިދުވަންސް ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ބަތަލަކީ ކާތިކް އާރިއަނެވެ.