މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އުރީދޫ މޯލްޑިވްސް އަށް 549 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެވަނަ ކުންފުނިން އާންމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 0.9 ޕަސެންޓް އިތުރެވެ. އަދި އަހަރުގެ ދެ ވަނަ ކުއާޓަރަށްވުރެ ތިންވަނަ ކުއާޓަރުގެ އާމްދަނީ ވަނީ 1.8 ޕަސެންޓް އިތުރުވެފައިވެ އެވެ.
އުރީދު އަށް އަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ހިދުމަތްތަކުންނެވެ. އެ ހިދުމަތްތަކުން ޖުމްލަ 404.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އަދި ވިޔަފާރި ހިދުމަތްތަކުން 143.7 މިލިއަން ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކުން 557،000 ރުފިޔާ ލިބިފައިވެ އެވެ.
އަދި ހިންގުމުގެ ހަރަދާއި ޓެކުހަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓަރުގައި 212.2 މިލިއަން ރުފިޔާ ފައިދާވެފައިވެ އެވެ. ޓެކުހަށް ކެނޑުމަށްފަހު ތިންވަނަ ކުއާޓަރުގައި ސާފު ފައިދާ އަކީ 180.3 މިލިއަން ރުފިޔާ އެވެ.