Last Updated: June 8, 09:28
Monday, June 8, 2026

ބޮލީވުޑްގެ ތަރި، ދަރުމެންދުރާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އެބަދެ އެވެ

މީޑިއާތަކުން ބުނީ އުމުރުން މިހާރު 89 އަހަރުގެ އެކްޓަރަށް އިއްޔެ އިން ފެށިގެން ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށާއި އޭނަ އެޑްމިޓްކުރީ ނޭވާލާ އުނދަގޫވާން ފެށުމުން ކަމަށެވެ.

ނަމަވެސް ދަރޭގެ އާއިލާގެ ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ދަރޭ އައިސީޔޫގައި އޮތް ނަމަވެސް އޭނަގެ ސިއްހީ ހާލަތު މިހާރު ރަނގަޅު ކަމަށާއި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ. އަދި މިހާރު އޮތީ އޮބްޒަވޭޝަންގައި ކަމަށް ބުންޏެވެ.

އުމުރުން ދުވަސްވުމުގެ ސަބަބުން މި ފަހުން ދަރޭ އަށް ސިއްހީ އެކިއެކި މައްސަލަތައް ދިމާވެފައިވެ އެވެ. ނަމަވެސް އޭނަ އަކީ އަދިވެސް ފިލްމީ މަސައްކަތްތައް ކުރަމުން އަންނަ އެކްޓަރެކެވެ. ދަރޭ ދެން އެންމެ އަވަހަށް ފެންނާނީ އޭނައާ އެކު "ޝޯލޭ" ކުޅުނު އެކްޓަރު އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތިއާ ނަންދާގެ ދެވަނަ ފިލްމު "އިއްކީސް" އިންނެވެ.

މިހާރު ޓްރެއިލާ ވެސް ދައްކާލާފައިވާ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހު އެވެ.

ދަރޭ އަކީ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްގެ އިތުރުން ބަތަލާ އީޝާ ޑިއޯލްގެ ބައްޕަ އެވެ. އީޝާ އަކީ ދަރޭ އާއި ބަތަލާ ހެމާ މާލިނީ އަށް ލިބުނު ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އެ ކައިވެންޏަށް ލިބުނު އަނެއް ކުއްޖާ އަކީ އަހާނާ ޑިއޯލް އެވެ.