ފެނަކަ އިން އައްޑޫ ރައްޔިތުންނަށް ކުރަނީ އަނިޔާ ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ މި ކުންފުނީގެ ސަބަބުން އާންމު ކިތައް ރައްޔިތެއްގެ އަގުބޮޑު އިލެކްޓްރިކް ސާމާނު މިހާތަނަށް ހަލާކުވެއްޖެ ހެއްޔެވެ؟ "ހިފަހެއްޓުމެއް ނެތް" ކަރަންޓަކާ ހެދި އައްޑޫގެ ކިތައް ރައްޔިތުން ނަފުސާނީވެއްޖެ ހެއްޔެވެ؟
މި ވަރަކުން އަދި ފުދުނީކީ ނޫނެވެ؛ ފެނަކައިގެ އިހުމާލުން އައްޑޫ ރައްޔިތުންގެ ފުރާނަ ވެސް ދަަނީ އެވެ. މީގެ އެއް ހެއްކަކީ ކަރަންޓް ގުޅައިދޭން އެދި ހިތަދޫގެ ގެއަކުން އެދުނު އެދުމަށް އިޖާބަ ނުދީ އެތައް ދުވަހެއްވުމާ ގުޅިގެން އެ ގެއަށް އަމިއްލަ ޖަނަރޭޓަރެއް ހޯދައިން ވައްދަން ޖެހުމެވެ.
ނަތީޖާއަކަށްވީ ގޭގެ "ވައި ވިހަވެ" ގޭގައި އުޅުނު ދެމަފިިރިން އެކީގައި ނިޔާވުމެވެ.
ފެނަކައިގެ މި އިހުމާލުތަކަކީ އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުން ކޮންމެ ދުވަހަކު ކަހަަލަ ގޮތަކަށް ތަޖުރިބާކުރަމުންދާ ކަންކަމެވެ. މި އަވަށްތަކަށް ކަރަންޓް ދޭ، މަރުކަޒީ އިންޖީނުގޭގެ ހާލަތު ފެނަކަ އަށް ރަނގަޅުކޮށް ނުދެވި، ހިދުމަތް އޮތީ ބޮއްސުންލައިފަ އެވެ.
މިއި ިއއްޔެއަކު މިއަދަކު ދިމާވެގެން އުޅޭ ކަމެއް ނޫނެވެ. މި ތަކުލީފާއި ތުރާ އާއި މުސީބާތް ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާތާ ކިތަންމެ އަހަރެކެވެ.
ކޮންމެ ސަރުކާރަކުން ވެސް އައްޑޫގެ އާބާދީގެ ބޮޑު ބަޔަށް ދިމާވެފައި މި އޮތް ބޮޑު މައްސަލަ ހައްލުކޮށް ދޭނެކަމުގެ ޔަގީންކަން ދެ އެވެ. އެކަމަކު ކޮންމެ ސަރުކާރެއްގައި ވެސް ފެންނަނީ އެކަށީގެންވާ ހައްލެއް ހޯދައި ނުދެވި، ފެނަކަ އަށް އޮތް އިތުބާރު ވެސް ގެއްލެމުންދާ ތަނެވެ.
ކަރަންޓް ކެނޑޭ މައްސަލައިގައި ހަގީގަތު ވެސް ފެނަކަ އަށް މިހާރު އޮތީ އައްޑޫ ރައްޔިތުންގެ "ބަދު ދުއާ" އެވެ. އެތަކެއް ގެއްލުމެއް ދަނީ ލިބެމުންނެވެ. އެހެންވެ އެ ކުންފުންޏާ މެދު އޮތް ހިތްހަމަނުޖެހުމާއި ނަފުރަތު ވަރަށް ބޮޑެވެ.
އާންމު ރައްޔިތުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ޝަކުވާތައް ވެސް ފެނަކައާ މެދު އޮތީ ފުނިޖެހިފަ އެވެ. މި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިފައިގެން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ކައުންސިލްގެ ޓީމެއް މާލެ އަށް ކުރި ދަތުރުގައި ފެނަކައިގެ މެނޭޖްމަންޓާ ބައްދަލުކޮށް ކަރަންޓްގެ މައްސަލައިގައި ހުރި އުދާސްތައް ހިއްސާކުރި އެވެ.
މިފަދަ ކޮންމެ ދަނޑިވަޅެއްގައި ފެނަކަ އިން އަބަދު ވެސް ދެނީ މި ޔަގީންކަމެވެ؛ އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދައި ދޭނެ އެވެ. އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ވެސް ދެ އެވެ. އެކަމަކު މިހާތަނަށް އައްޑޫ ރައްޔިތުން ކުރަން ޖެހިފައި އޮތް ތަޖުރިބާ އަށް ބަލާ އިރު، ފެނަކަ އިން ބުނާ އެެއްޗެއް މިހާރު ގަބޫލު ކުރެވޭކަށް ނެތެވެ.
އެހެންވެ ކައުންސިލުން އެތައް ފަހަރެއްގެ މަތިން ގޮވާލާފައިވާ އެެއް ކަމަކީ މަރުކަޒީ އިންޖީނުގެ ކައުންސިލާ ހަވާލު ކުރުމަށެވެ. މިކަން ބަޔަކަށް "ޖޯކަކަށް ވިޔަސް" ކަރަންޓްގެ ހިދުމަތަށް ފެނަކަ އަށް ބަރޯސާވެެން ތިބެވޭނެތޯ އެއީ ޔަގީނުން ވެސް ވަރަށް ބޮޑު ސުވާލެކެވެ.
އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް ދޭން ފެނަކަ ނުކުޅެދިފައިވާ އިރު، މިކަން ދެން ކަނޑާލަނީ ކުރީގެ ސަރުކާރުތަކަށެވެ. އެ ސަރުކާރުންތަކުން އިންޖީނުގެ ރަނގަޅަށް ނުބެލެހެއްޓި ވާހަކަ އާއި އިންޖީނުތައް މަރާމާތު ނުކުރުމާއި އޯވަހަލް ނުކޮށް އެތަކެއް ދުވަސްވެފައި ވާހަކަފެނަކަ އިން އެބަ ތަކުރާރު އެވެ.
އެކަމަކު މިކަން އެހެންގެ ބައެއްގެ ބޮލަށް ކަނޑާލުމުގެ ހައްގެއް ހަގީގަތުގައި އޮވެގެން ނުވާނެ އެވެ. މި ސަރުކާރަކީ ކަންކަން ރަނގަޅުކޮށް ދޭން ވައުދުވެގެން އައި ސަރުކާރެއް ކަމަށްވާތީ، އެކަން ރަނގަޅުކޮށް ދޭންވީ އެވެ. އެހެން ބައެއްގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ.
ހަގީގަތަކީ އައްޑޫގެ އާބާދީގެ ބޮޑު އޮތީ ކަރަންޓް ފަދަ އަސާސީ ހިދުމަތަކަށް ވަރަށް ބޮޑަށް ޖެހިފައިކަމެވެ. އެހެންވެ މިކަން ކޮންމެހެން ސިޔާސީ ކުޅިވަރަކަށް ހަދައިގެން މޭޔަރު އަލީ ނިޒާރު ވިދާޅުވާހެން "އޮޅުވާލަން" އުޅޭނެ ކަމެއް ނެތެވެ. މޭޔަރު އެ ވިދާޅުވީ ފެނަކަ އޮތީ ފެއިލްވެފަ އެވެ. އެކަމުގެ އަނިޔާ އައްޑޫ ރައްޔިތުން ކޮންމެ ދުވަހަކު ދަނީ ތަޖުރިބާ ކުރަމުންނެވެ.
އެހެންވެ އައްޑޫ ރައްޔިތުންނަށް ފެނަކަ އިން ކުރާ އަނިޔާ ނިމުމަކަށް ގެނެސްދޭށެވެ. މި އަސާސީ ހިދުމަތުގެ ޔަގީންކަމާއި ކަށަވަރުކަން ތިޔަ ކުންފުނިން ގެނެސްދޭން ވެއްޖެ އެވެ. ސުވާލަކީ ފެނަކަ އަށް އެކަން ކޮށް ދެވޭނެ ހެއްޔެވެ؟
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގައި އައްޑު އަށް އެބަޑައިގެންނެވެ. އެހެންވެ ރައީސަށް އިވޭ ވަރަށް ކަރަންޓްގެގެ ވާހަކަ މި ފަހަރު ދައްކަމާ ހިނގާށެވެ. ކަރުދާސް ނޯޓެއްގައި ލިޔެގެން ކަމަށް ވިޔަސް "އައްޑޫ ރައްޔިތުން ބޭނުން ވަނީ ކަރަންޓަށް ދާއިމީ ހައްލެއް" ކަން ރައީސަށް ބުނަން ވާނެ އެވެ.