Last Updated: June 8, 09:28
Monday, June 8, 2026
ދުނިޔެ

ސާމިއާ އަށް ވެރިކަމުގެ އިތުރު ދައުރެއް

ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރޭގައި ބޭއްވި ޓެންޒޭނިއާގެ ރިޔާސީ އިންތިހާބު އެ ގައުމުގެ މިހާރުގެ ވެސް ރައީސް ސާމިއާ ސުލޫހޫ ހަސަން ކާމިޔާބުކޮށްފި އެވެ.

ޓެންޒޭނިއާގެ އިލެކްޝަން ކޮމިޝަނުން ބުނީ ބުދަ ދުވަހު ބޭއްވި އިންތިހާބު ސާމިއާ ކާމިޔާބު ކުރެއްވީ ވޯޓްލީ މީހުންގެ 98 ޕަސެންޓާ އެކީގައި ކަމަށެވެ.

އޭނަ އެ ގައުމުގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ މާޗް 19، 2021 އިން ފެށިގެންނެވެ. ސާމިއާ އަށް ވެރިކަން ލިބިވަޑައިގަތީ އޭނަ ނައިބު ރައީސަކަށް ހުންވަނިކޮށް، އޭރުގެ ރައީސް ޖޯން ޕޮމްބޭ ޖޯސެފް މަގްފޫލީ އެ އަހަރުގެ މާޗް 17 ގައި އަވަރާހަވުމާ ގުޅިގެންނެވެ.

މިހާރު އުމުރުން 65 އަހަރުގެ ސާމިއާ އަކީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސެވެ. އަދި އެ ގައުމުގެ 6 ވަނަ ރައީސެވެ.

ސާމިއާ އިންތިހާބު ކާމިޔާބުކުރިކަން އިއުލާންކުރި އިރު، މި އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށްފައިވާ އިރު، އިންތިހާބު އޮބްޒާވްކުރި ބޭރުގެ ފަރާތްތަކުން ވެސް ވަނީ މި އިންތިހާބަކީ ދެފުށް ފެންނަ އިންތިހާބެއް ނޫން ކަމަށް ބުނެފަ އެވެ.