Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ކުރީގެ ރައީސުންގެ އިނާޔަތަށް 19.7 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ކުރީގެ ރައީސުންނަށްދޭ އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރާއްޖޭގެ ރައީސްކަންކޮށްފައިވަނީ 5 ބޭފުޅަކަށް އިނާޔަތްދިނުމަށް ބަޖެޓުގައި ހިމެނާފައިވާއިރު، އެންމެ ބޮޑު އިނާޔަތެއް ދެނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ ފައިސާއަށެވެ. އަދި ކުރީގެ ރައީސުންނަށް ލިބޭ ފައިސާގެ އިނާޔަތް އެންމެ ބޮޑުކޮށް ލިބެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ.

އެގޮތުން މައުމޫނަށް ފައިސާގެ އިނާޔަތުގެ ގޮތުގައި އަންނަ އަހަރު 9 ލައްކަ ރުފިޔާ ދިނުމަށް ބަޖެޓުގައިވަނީ ކަނޑައަޅާފަ އެވެ. ކުރީގެ ރައީސުންގެ ތެރެއިން ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ފައިސާގެ އިނާޔަތް ނުނަންގަވަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހަށް ފައިސާގެ އިނާޔަތުގެ ގޮތުގައި އަހަރަކު ދިނުމަށް ކަނޑައަޅާފައިވަނީ 6 ލައްކަ ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސުންނަށް އިނާުޔަތް ދިނުމާ ބެހޭ ގާނޫނު އޮންނަ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 50،000ރ. މަހަކު ދައުލަތުން ދޭން ޖެހޭއިރު އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދޭން ޖެހެ އެވެ. އަދި ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް އިތުރު 50،000ރ. އާއި އޮފީސް ހިންގުމުގެ ޚަރަދަށް ވެސް 175،000ރ. ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.