Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އީސީން އުވާލި ޕާޓީއެއް އަލުން އިޔާދަކޮށްފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނިންމުން ބަދަލު ކުރުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ.

އެއީ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންނަވައިގެން 2018 ގައި އުފެއްފި ޕާޓީއެކެވެ.

އެމްއެލްއެސްޑީޕީގައި 3،000 މެންބަރުން ހަމަނުވާތީ ޕާޓީ އުވާލިކަން އީސީން އިއުލާންކުރީ މާޗް 15، 2023 ގަ އެވެ. އީސީން އޭރު ބުނި ގޮތުގައި، އެމްއެލްއެސްޑީޕީ އުވާލީ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ އެވެ.

ޕާޓީ އުވާލުމުން އެމްއެލްއެސްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުގައި ރެޖިސްޓާކުރީ އެ އަހަރުގެ ޖުލައި 5 ގަ އެވެ.

އީސީން އެ ޕާޓީ އުވައިލި މައްސަލައިފައި މިދިޔަ މަހުގެ 30 ގައި ގާޒީ ސިނާން އަލީ ކުރެއްވި ހުކުމުގައި ވަނީ އީސީގެ ނިންމުމަކީ ގާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުން ނިންމި ނިންމުން ރިވިއުކުރުމަށް އަންގާފައިވެ އެވެ.

އީސީގެ ދަފުތަރުގައި މިހާރު 9 ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖޭޕީ، އެމްޑީއޭ، އެމްއެންޕީ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް އަދި އެމްއެލްއެސްޑީޕީ އެވެ.