މި އަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ސިފައިން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިރޭ މާލޭގައި ބަޑިޖަހާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނީ މިރޭ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ނޮވެމްބަރު 3، ގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑު މައުންޓުކުރުމުގެ ފަރިތަކުރުން ކަމަށެވެ.
އެ ފަރިތަކުރުންތަކުގެ ތެރެއިން މިރޭ 8:15 އާއި 10:00 އާއި ދެމެދު ސިފައިން ވަޒަން ނެތި ބަޑިޖަހާނެ ކަމަށް ބުނެފައިވެ އެވެ.
މިކަން ދުރާލައި އެމްއެންޑީއެފުން ހިއްސާކުރީ އާންމުންނަށް ލިބިދާނެ ސިހުމަކަށްޓަކައި ކަމަށް ބެލެވެ އެވެ.
ނަސްރުގެ ދުވަހަށް ސިފައިން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. އެގޮތުން އެ ދުވަހު ޖުމްހުރީ މައިދާން ސަރަހައްދުގައި ކުރިއަށް ގެންދާ އަސްކަރީ ޑްރިލްތަކަށް މިދިޔަ ދެތިން ދުވަހުގެ ހަވީރާއި ރޭގަނޑު ސިފައިން އަންނަނީ ތައްޔާރުވަމުންނެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިންގެ ބަޔަކާއި ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ރާއްޖޭގެ ވެރިރަށް މާލެ އަށް ނޮވެމްބަރު 3، 1988 ގައި ހިންގި އުދުވާނީ ހަމަލާ އިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ އުދުވާން 19 ދިވެހިން ޝަހީދުވި އެވެ.