އަޔޫޝްމަން ކްރާނާ އާއި ޝަރްވާރީ ވާގް ލީޑަަށް ލައިގެން ބޮލީވުޑްގެ ޑައިރެކްޓަރު ސޫރަޖް ބަރަޖްތިއާ ހަދާ އާ ފިލްމުގެ ޝޫޓިން މިއަދު ފަށައިފި އެވެ.
ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ސޫރަޖްގެ ކުރީގެ ފިލްމުތަކާ އެއްގޮތަށް އާއިލީ ލޯބީގެ ފިލްމެކެވެ. "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އޫޗާއީ" އެވެ.
އާންމު އުސޫލުގެ ފަށުން އޭނަގެ ފިލްމުތަކުގެ ބަތަލުގެ ނަމަކީ ޕްރޭމް އެވެ. އެގޮތުން އާ ފިލްމަކީ އަޔޫޝްމަން، ޕްރޭމްގެ ރޯލުން ފެންނާނެ ފިލްމެކެވެ.
މި ފިލްމުގެ ޝޫޓިން މިއަދު ފެށުމާ އެކު މީގެ ކާސްޓްގައި ހިމެނޭ ތަޖުރިބާކާރު އެކްޓަރު އަނޫޕަމް ކޭރް ވަނީ ސޫރަޖާ އެކު ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށް ފިލްމުގައި ހިއްސާވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ. މި ފިލްމަކީ އޭނަގެ ކެރިއަރުގެ 549 ވަނަ ފިލްމެވެ.
ސޫރަޖާ އެކު އަނޫޕަމް ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން "ހަމް އާޕް ކޭ ހޭ ކޯން" އާއި "ވިވާ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ އިތުރުން "އޫޗާއީ" ގެ މުހިއްމު ރޯލުތަކެއް އޭނަ ކުޅެފައިވެ އެވެ.
ސޫރަޖްގެ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އެ ފިލްމު އުފައްފާ އޭނަގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން އަދި ހިއްސާއެއް ނުކުރެ އެެވެ. އެކަމަކު މި ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.