Last Updated: July 4, 13:51
Saturday, July 4, 2026
ކުޅިވަރު

އާސެނަލަށް އެއްވަނައިގައި 7 ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީ 2-0 އިން ބަލިކޮށް އާސެނަލުން ލީގުގެ އެއްވަނައިގައި 7 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އެއްވަނައިގައި އާސެނަލް އޮތީ 10 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 9 މެޗުން ލިބުނު 18 ޕޮއިންޓާ އެކު އޮތީ ބޯންމަތް އެވެ. މިއީ ލީގުގައި އާސެނަލުން ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި އާސެނަލަށް ލީޑު ނަގައިދިނީ އެޓީމުގެ ފޯވާޑް ވިކްޓަ ޔޮކަރޭސް އެވެ. މިއީ ބާންލީގެ ގޯލު ކުރިމަތީ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 35 ވަނަ މިނެޓްގައި ޑެކްލަން ރައިސް އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އޭނާ މި ގޯލު ކާމިޔާބުކުރީ ޓްރޮސާޑް ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އާސެނަލުން ތަނަވަސްކޮށްފައިވެ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ނޮޓިންހަމް ފޮރެސްޓްއާ 2-2 އިން އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށް ވަނީ ނިމުން އައިސްފަ އެވެ. ފުލަމް އިން 3-0 އިން ވުލްވްސް ބަލިކުރިއިރު، ކްރިސްޓަލް ޕެލެސް އިން ވަނީ 2-0 އިން ބްރެންޓްފޯޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަަމިއްލަ ދަނޑުގައި ކުޅެ ބްރައިޓަން އިން ވަނީ 3-0 އިން ލީޑްސް އަތުން ފަސޭހަ މޮޅެއް ހޯދައިފަ އެވެ.