Last Updated: July 4, 13:51
Saturday, July 4, 2026
ކުޅިވަރު

ވިލާ އަތުން މޮޅުވެ ލިވަޕޫލަށް ހަމަނޭވާއެއް

ފުލަމް އަތުން 2-0 އިން މޮޅުވެ ލިވަޕޫލުން މޮޅުނުވުމުގެ ހިތްދަތި ސިލްސިލާ ނިމުމަކަށް ގެނެސްފި އެވެ.

މި މެޗުގެ ކުރިން ލީގުގައި އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް ލިވަޕޫލް ވަނީ ބަލިވެފަ އެވެ. މި މޮޅާއެކު 10 މެޗުން ލިބުނު 18 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 9 މެޗުން 18 ޕޮއިންޓު ހޯދައިގެން ބޯންމަތް އޮތްއިރު، އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި 10 މެޗުން ލިބުނު 25 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ވިލާގެ މޯގަން ރޮޖާސް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެ އެވެ. އަދި އޭގެފަހުން ވިލާގެ ފުލްބެކް މެޓީ ކޭޝް ދުރުން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ލިވަޕޫލްގެ ކީޕަރު ޖިއޯޖީ މަމަޑާޝްވިލީ އެވެ.

މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ ވިލާގެ ކީޕަރު މާޓިނޭޒަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މުހައްމަދު ސަލާހު ކާމިޔާބުކުރި ގޯލެކެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ރަޔަން ގްރެވެންބާޗް ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ ވިލާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލަށް ފަހު ވެސް ދެވަނަ ހާފުގައި ލިވަޕޫލުން ވިލާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.

ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ވަނީ 1-0 އިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީއަށް މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ޖައޯ ޕެޑްރޯ އެވެ.

މި މޮޅާއެކު 10 މެޗުން 17 ޕޮއިންޓު ހޯދައިގެން ޗެލްސީ އޮތީ ލީގުގެ ފަސްވަނައިގަ އެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމަށް ވެސް 10 މެޗުން 17 ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.