Last Updated: July 4, 13:51
Saturday, July 4, 2026
ކުޅިވަރު

އެމްބާޕޭގެ ދެ ގޯލުން ރެއާލް ލީޑު ފުޅާކޮށްފި

ރެއާލް މެޑްރިޑުން ރޭ ވެލެންސިއާ އަތުން 4-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރެއާލް އެއް ވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓާ އެކު އެވެ. ވިޔަރެއާލް ދެ ވަނައިގައި އޮތީ 11 މެޗުން 23 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 10 މެޗުން 22 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ. ބާސާއިން މިރޭ އެލްޗޭއާ ދެކޮޅަށް ނިކުންނާނެ އެވެ.

މި މެޗުގެ ފުރަތަމަ ހާފް ރެއާލުން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ރެއާލަށް ލީޑު ނަގައިދިންއިރު، މެޗުގެ 31 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މި ދެ ގޯލާއެކު އެމްބާޕޭ މި ސީޒަނުގެ ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް އެވެ. ދެވަނަ ހާފުގައި ވެސް ރެއާލުން ދިޔައީ ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ރެއާލްގެ ހަތަރުވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް އަލްވަރޯ ކަރޭރަސް އެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ރަޔޯ ވައެކާނޯއާ އެވެ.