Last Updated: June 8, 09:28
Monday, June 8, 2026
މުނިފޫހިފިލުވުން

'ބޫލް ބުލައްޔާ 4' ވެސް ހަދާނެ

ކާތިކާއި ޑައިރެކްޓަރު އަނީސް ބަޒްމީ.

ޑައިރެކްޓަރު އަނީސް ބަޒްމީ މިހާރު، ކާތިކް އާރިއަނާ އެކު ގެނެސްދެމުން އަންނަ ހޮރޯ-ކޮމެޑީ ފްރެންޗައިޒް "ބޫލް ބުލައްޔާ" ގެ ހަތަރު ވަނަ ބައި ވެސް ހަދާނެކަން ކަށަވަރުކޮށް ދީފި އެވެ.

މިދިޔަ އަހަރު "ބޫލް ބުލައްޔާ 3" ގެނެސްދިންތާ އިއްޔެ އަހަރެއްވުމާ ގުޅިގެން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު ޑައިރެކްޓްކުރީ ބުނީ ހަތަރު ވަނަ ބަޔާ ގުޅުން ހުރި މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. އެހެންވެ ސްކްރިޕްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުންޏެވެ.

"ޔަގީނުން ވެސް ހަތަރު ވަނަ ބައި ހަދާނަން. އަދި ޔަގީންކަން ދެން ހަތަރު ވަނަ ބައި ވެސް ކާތިކާ އެކު ނޫނީ ނުހަދާނެކަން." އަނީސް ބުންޏެވެ.

އޭނަ ބުނީ "ބޫލް ބުލައްޔާ" ފްރެންޗައިޒަކީ މިހާރު ވަރަށް ގިނަ ބައެއްގެ ފެވަރިޓަކަށް ކަމަށެވެ. އެހެންވެ އޭގެ ވާހަކަ ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ވެސް އިންތިހާ އަށް ބޮޑު ކަމަށް ބުންޏެވެ.

ކާތިކާ އެކު ގެނެސްދިން "ބޫލް ބުލައްޔާ" ގެ ފުރަތަމަ ބަޔަކީ 2022 ގައި ރިލީޒްކުރި އޭގެ ދެވަނަ ބައެވެ. މީގެ ފުރަތަމަ ވައި މުޅިން ތަފާތު ޑައިރެކްޓަރަކު، ތަފާތު ކާސްޓަކާ އެކު ގެނެސްދިނީ 2007 ގަ އެވެ. އެގޮތުން އަކްޝޭ ކުމާރާއި ވިދިއާ ބާލަންއާ އެކު "ބޫލް ބުލައްޔާ" ގެނެސްދިނީ ޑައިރެކްޓަރު ޕްރިޔަދަރުޝަނެވެ.

އެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިދިޔަ އަހަރު "ބޫލް ބުލައްޔާ 3" ގެނެސްދިން އިރު، ފުރަތަމަ ބައިގެ ކާސްޓްގައި ހިމެނޭ ވިދިއާ ވެސް އެ ފިލްމުގައި ހިމެނޭކަމެވެ.

"ބޫލް ބުލައްޔާ 4" ހަދާނެކަން ޑައިރެކްޓަރު ކަށަވަރުކޮށް ދިން ނަމަވެސް އެ ފިލްމު ގެނެސްދޭނީ ކިހާ ތާކު ކަމެއް ނުބުނެ އެވެ. އަނީސް މިހާރު އަންނަނީ އެކްޓަރެއްގެ ޑަބަލް ރޯލު ހިމެނޭ ފިލްމަކަށް ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ އެ ފިލްމުގެ ނަމަކީ "ރާމް އޯރް ޝާމް" އެވެ.

ކާތިކް އިއްޔެ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" ގެ ޝޫޓިން ފެށި އިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ އެ ސްޓޫޑިއޯ އިން އަންނަ މަހުގެ 31 އަށް ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.