Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އާ ޓާމިނަލަށް ވެއްދި އެއާލައިންގެ އަދަދު 21 އަށް

ވެލާނާ އިިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރި އެއާލައިންތަކުގެ އަދަދު 21 އަށް އަރައިފި އެވެ.

އެންމެ ފަހުން ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކަކީ ޔޫއެސް ބަންގްލާ އާއި ޗައިނާގެ ސިޗުއާން އެއާލައިންސްގެ އިތުރުން އުޒްބެކިސތާން އެއާލައިންސް އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ޓާމިނަލް ހުޅުވީ ޖުލައި 26 ގަ އެވެ. އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަރ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.

މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އަމާޒަކީ ކުރިއަށް ޓޫރިޒަމްގެ ޕީކް ސީޒަންގެ ކުރިން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލު ކުރުން ކަމަށެވެ.

މިހާރު އާ ޓާމިލަނުން ހިދުމަތް ދެމުން އަންނަ އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އެއާ އަރަބިއާ އާއި ބިއޯންޑް އާއި ފިޓްސް އެއާ އާއި ބެއިޖިން ކެޕިޓަލް އެއާލައިންސް އާއި ބަޓިކް އެއާ އާއި ބެންކޮކް އެއާވޭސް އާއި އިންޑިގޯ އާއި ގަލްފް އެއާ އާއި މެލޭޝިއާ އެއާލައިންސް އާއި ސައުދިއާ އާއި ޗޮންގްޗިންގް އެއާ އާއި އަޒަރުބައިޖާން އެއާލައިންސް އާއި ބްރިޓިޝް އެއާވޭސް އާއި ވާޖިން އެޓްލާންޓިކް އާއި އެއާ އެސްޓާނާ އާއި އެއާ އިންޑިއާ އާއި ސިޗުއާން އެއާލައިންސް އާއި ޔޫއެސް ބަންގްލާ އަދި އިތުރުން އުޒްބެކިސތާން އެއާލައިންސް އެވެ.