މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކު ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރް ކުޅޭ ފިލްމު "ޕެއްޑީ" ގައި އޭނަ ފެންނާނެ ގޮތް ދައްކާލައިފި އެވެ.
ޖާންވީ ހިމަނައިގެން ފަސްޓްލުކް ދެ ޕޯސްޓަރެއް އާންމުކޮށްފައިވާ އިރު، ފިލްމުގައި ޒުވާން ބަތަލާ އަށް ކިޔާ ނަން ވެސް ހިމަނާފައިވެ އެވެ. ސްޕޯޓްސް އެކްޝް ޑްރާމާ "ޕެއްޑީ" ގައި ޖާންވީ ފެންނާނީ އަޗިޔައްމާ ކިޔާ ކެެރެކްޓާއަކުންނެވެ
މި ފިލްމަކީ އިންޑިއާގެ ދެކުނުގެ އެކްޓަރަކާ އެކު ޖާންވީ ކުޅުނު ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާއާ އެކު ފެނިގެން ދިޔަ "ދޭވްރާ: ޕާޓް 1" އެވެ. ޖާންވީގެ މަންމަ ކުރީގެ ބަތަލާ ސްރީދޭވީ އަކީ ވެސް ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނުގެ ގިނަ އަދަދެއްގެ ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ.
ބުޗީ ބާބޫ ސާނާ ޑައިރެކްޓްކޮށް ގެނެސްދޭ "ޕެއްޑީ" ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް 27 ގަ އެވެ.
ޖާންވީގެ ތިން ފިލްމެއް ދާދި ފަހުން ވަރަށް ގާތްގާތުގައި ރިލީޒްކޮށްފައިވެ އެވެ. އެއީ އޮގަސްޓްގައި ގެނެސްދިން "ޕަރަން ސުންދަރީ" އާއި ސެޕްޓެމްބަރުގައި ރިލީޒްކުރި "ހޯމްބައުންޑް" ގެ އިތުރުން މިދިޔަ މަހު ގެނެސްދިން "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ.