ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް މާ ފިނި ގަދަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ އާ ޓާމިނަލްގެ ފިނިހޫނުމިން މިހާރު ހުރީ 15 ޑިގްރީ ސެލްސިިއަސްގައި ކަމަށެވެ.
"އެހެންވީމަ މާ ބޮޑަށް ވެސް ފިނިގަދަ. އަދި އެހާ ބޮޑަށް ފިނިގަދަކޮށް ބެހެއްޓުމަކީ އިސްރާފެއް." ނަޝީދު ވިދާޅުވި އެވެ.
ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ ފިނިހޫނުމިން ބަހައްޓަން ވާނީ 20-25 ޑިގްރީ ސެލްސިއަސްއާ ދެމެދު ކަމަށެވެ.
އެ މަނިކުފާނުގެ މި ވާހަކަ އަށް ބައެއް މީހުން ތާއީދުކޮށް ޕޯސްޓަށް ކޮމެންޓް ވެސް ކޮށްފައިވެ އެވެ.
ވީއައިއޭގެ ޒަމާނީ އާ ޓާމިނަލް ހުޅުވީ މި އަހަރުގެ ޖުލައި 26 ގަ އެވެ. އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.
މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.