ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ 60 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އޭނަގެ އާ ފިލްމު "ކިންގް" ގެ ޓީޒާއެއް ފޭނުންނަށް މިއަދު ދޫކޮށްލައިފި އެވެ.
އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި އެކްޝަން ތުރިލާ އަކީ ޝާހްރުކްގެ 2023 ގެ "ޕަތާން" ވެސް ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދު ހަދާ ފިލްމެކެވެ. "ކިންގް" ޕްރޮޑިއުސް ކުރަނީ ސިދާތުގެ ކުންފުނި، މާފްލިކްސް ފިކްޗާސް އާއި ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެންނެވެ.
ފިލްމުގެ ޓީޒާ އިން ޝާހްރުކް ފެންނާނެ ގޮތް ވެސް ދައްކާލާފައިވާ އިރު، އޭނަގެ ފެންނާނީ ނުރަ ބޮލަކާ އެކީގަ އެވެ.
"ކިންގް" އިން ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން ވެސް ވަރަށް މުހިއްމު ރޯލަކުން ފެންނާނެ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ދީޕިކާ ޕަދްކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ، ޖެކީ ޝްރޮފް، ސޯރަބް ޝުކްލާ، ރާގަވް ޖުޔަލް އަދި އަބޭ ވަރުމާ ހިމެނެ އެވެ.
"ކިންގް" ޓީޒާ ދައްކައިލި ނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
މިއީ 2023 ގެ ފަހުން ޝާހްރުކްގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނަ ފުރަތަމަ ފަހަރެވެ. އެ އަހަރު އޭނަގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ "ޕަތާން" ގެ އިތުރުން "ޖަވާން" އާއި "ޑަންކީ" އެވެ. އަދި "ޖަވާން" އަކީ ފިލްމީ ކެރިއަރުގައި އަލަށް ޝާހްރުކަށް މި އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ.