އައްޑޫ ހިތަދޫ ފުލުހުންގެ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވެއްދި ފުލުހަކު ހައްޔަރުކޮށް އޭނަގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޕޮލިސް ކޮންސްޓަބަލެއްގެ މަގާމުގައި ހުރި ހިތަދޫ، ފުނަގެ މުހައްމަދު ނައުފް ނަސީމް، 25، އެވެ.
އޭނަ ސެޕްޓެމްބަރު މަހު ހައްޔަރުކޮށް ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން މިހާރު ދޫކޮށްލައިފަ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނައުފަލް ހައްޔަރުކުތީ ސެޕްޓެމްބަރު 4 ގައި ހިންގި އޮޕަރޭޝަނެއްގައި އޭނަ ކަސްޓޯޑިއަލް އަށް މަނާތަކެތި ވައްދާ ކަމަށް މައުލޫމާތު ލިބިގެން ކަމަށެވެ. އެ ރޭ އޭނަ ހިފަހައްޓައި ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެގި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ މަހުގެ 13 ގައި ނައުފް ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނައުފް ހުރީ މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާ އިން ސަސްޕެންޑުކޮށްފަ އެވެ.