Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދެކުނު ކޮރެއާގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

ދެކުނު ކޮރެއާގައި މާސްޓާސް އަށް ކިޔަވަން ލިބުނު ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެ ވެ.

މިއީ ކޮރެއާ އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) އިން އަންނަ އަހަރަށް ޚާއްސަކޮށް ހުޅުވައިލި ފުރުސަތުތަކެކެވެ. މީގެ ތެރޭގައު ހިމެނެނީ މާސްޓާސްގެ ފަސް ސްކޮލަޝިޕެވެ.

ސްކޮލަޝިޕްތައް ލިބުނު ޔުނިވަސިޓީތަކާއި ދާއިރާތައް:

* އެވްހާ ވޮމެންސް ޔުނިވަސިޓީ: މާސްޓާސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑަ އީކުއަލިޓީ
* ހަންޔަން ޔުނިވަސިޓީ: މާސްޓާސް ޑިގްރީ ޕްރޮގްރާމް އިން ސްމާޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ
* ކޮރެއާ ނެޝަނަލް ޔުނިވަސިޓީ އޮފް އެޑިއުކޭޝަން: މާސްޓާސް ޑިގްރީ ޕްރޮގްރާމް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަޝިޕް
* ކޮރެއާ ޔުނިވަސިޓީ: މާސްޓާސް ޑިގްރީ ޕްރޮގްރާމް އިން ޓެކްސް އެން ފީސަލް ޕޮލިސީ
* ސޯލް ނެޝަނަލް ޔުނިވަސިޓީ: މާސްޓާސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯމް

މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ އަންނަ އަހަރުގެ އެޕްރިލް 1 އަށް 35 އަހަރު ފުރިފައިނުވާ މީހުންނަށެވެ. އަދި ހަޔަ އެޑިޔުކޭޝަން މެދުވެރިކޮށް ލޯނެއް ނަގާފައިވާ ނަމަ، އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވެސް ވާން ޖެހޭ ނެ އެވެ. މީގެ އިތުރުން އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާން ޖެހޭނެ އެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 12:00 އަށެވެ.

އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ mohe.gov.mv އޮޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.