Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފުވައްމުލަކުގެ ފެނުގެ މައްސަލަ ހައްލުކޮށްފި

ފުވައްމުލަކު ފެން ޕްލާންޓަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ދިމާވި މައްސަލައަކާ ގުޅިގެން ހިދުމަތް އެއްކޮށް މެދުކަނޑާލާ، މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

އެ ސިޓީ އަށް ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނީ ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދެމުންގެން އަންނަ ދެ ފެން ޕްލާންޓްގެ ތެރެއިން އެއް ޕްލާންޓްގެ ކަނެކްޝަނަށް މައްސަލަ ދިމާވެ އެކަން އެ ކުންފުނީގެ މުވައްޒަފުންގެ ސަމާލުކަމަށް އައުމާއެކު އެ މައްސަލަ ދެނެގަތުމަށް ކުރި މަސައްކަތުން އެ ޕްލާންޓްގެ ފެނުގެ ނެޓްވޯކްގައި ލޮނުގެ އަސަރު ހުރިކަން އެ ކުންފުނީގެ ޓެކްނިކަލް ޓީމަށް ފާހަގަކުރެވުނު ކަމަށެވެ.

އެހެންވެ މައްސަލަ ހައްލުކުރުމަށްޓަކައި ފެނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައި، މައްސަލަ ހައްލުކޮށް އަލުން ފެނުގެ ހިދުމަތް މުޅި ފުވައްމުލަލަށް ދޭން ފަށާފައިވާ ކަމަށެވެ.

ފުވައްމުލަކު ފެން ޕްލާންޓަށް މިދިޔަ އޭޕްރިލް މަހު ވެސް މައްސަލަ ދިމާވި އެވެ.

ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެފައި ވަނޯ އެ ސިޓީގެ ފެނުގެ މައްސަލަ ދިމާވާތާ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށާއި މިކަން ކަމާބެހޭ ފަރާތްތަކުުގެ ސަމާލު ކަމަށް ވެސް އެކި ފަހަރު މަތިން ގެނެސްފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީތަކާއި މެސެޖްތަކުން ވެސް ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.