މެކްސިކޯގެ ފިހާރައެއްގައި ރޯވެ 23 މީހަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޯވެފައި ވަނީ އެ ގައުމުގެ މަޝްހޫރު ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ވަލްޑޯސް" ޗެއިންގެ ދަށުން ސޮނޯރާ ސްޓޭޓްގެ ވެރިރަށް، ހާމާސިލޯގައި ހިންގަމުން އަންނަ އައުޓްލެޓެއްގަ އެވެ.
އެތަނުގައި ރޯވި ހާދިސާއާ ގުޅިގެން މިހާތަނަށް 23 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައި އިރު، ޒަހަމްވި އިތުރު 11 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.
ފިހާރައިގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، މުޅި ސަރަހައްދަށް ބޯ ދުން ފެތުރިފައިވާ ތަން ވެސް ފެނެ އެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 12 އަންހެނަކާއި ފަސް ފިރިހެނަކާއި ހަތަރު ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ.

މި ހާދިސާ މިހާރު ތަހުގީގު ކުރަން ފަށާފައިވާ އިރު، ސޮނޯރާ ޕަބްލިކް ސެކިއުރިޓީ އޮފީހުން ބުނީ މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ސޮނޯރާގެ ގަވަރުނަރު އަލްފޮންސޯ ޑުރާޒޯ އާއި މެކްސިކޯގެ ކްލައުޑިއާ ޝެއިންބޯމް ހިތާމަފާޅު ކުރައްވައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.