ހޮލީވުޑްގެ މަޝްހޫރު 'މެޓްރިކްސް' ފިލްމު ސީރީޒްގެ ތަރި، ކިއާނޫ ރީވްސް "ޝިވާ" ކިޔާ ސައިންސް ފިކްޝަން ފިލްމަކަށް ތައްޔާުވަމުުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "ކިންގްސްމޭން" ފްރެންޗައިޒްގެ ޕްރޮޑިއުސަރު މެތިއު ވޯން ޕްރޮޑިއުސްކޮށް، 2016 ގެ ސުޕަހީރޯ ފިލްމު "ޑެޑްޕޫލް" ގެނެސްދިން ޑައިރެކްޓަރު ޓިމް މިލާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމުގެ ޑިސްޓްރިބިއުޝަން ރައިޓްސް ހޯދަން ވޯނާ ބްރޮސް އިން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
"ޝިވާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ލިޔެފައިވާ އިއާން ޝޯ އެވެ. އޭނަ ސިފަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ޓޮމް ކްރޫޒްގެ 2014 ގެ ސައިންސް ފިކްޝަން ފިލްމު "އެޖް އޮފް ޓުމޯރޯ" އާއި ބަލަތާ ބްލޭކް ލައިވްލީގެ 2016 ގެ ސަވައިވަލް ހޮރޯ-ތުރިލާ "ޝެލޯސް" ގެ ހަނދާންތައް ވެސް ގެނުވައިދޭނެ ކަހަލަ ވަރަށް ވެސް ޝައުގުވެރި ފިލްމަކަސް ވާނެ އެވެ.
"ޝިވާ" ގެ ޝޫޓިން ފަށަން ތައްޔާރީތައްވަމުން ދިޔަ ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. މި ފިލްމު ވާނީ ޓިމް ޑައިރެކްޓްކުރާ ތިން ވަނަ ފީޗާ ފިލްމަށެވެ.
ރީވްސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ސުޕަނެޗްރަލް ކޮމެޑީ "ގުޑް ފޯޗޫން" އެވެ.