ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ނޮވެންބަރު ތިނެއްގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އަރުވަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ. މި އައްޑަނަތައް އެރުވުން އޮންނާނީ، މާދަމާ ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ ހެނދުނު 9:00 ގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް މައުމޫނަށް އައްޑަން އެރުވުމަށް ނިންމެވީ، ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާ ގުޅިގެން ކަމަށެވެ. އަދި އެ ދުވަހުގެ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި 19 މީހަކު ޝަހީދުވި އެވެ. އެއީ ސިފައިންގެ އަށް ބޭފުޅަކާއި އާންމުންގެ 11 މީހެކެވެ. އެ އުދުވާނީ ހަމަލާ އަކީ މައުމޫންގެ ވެރިކަން ވައްޓާލަން ދިވެހިންގެ ބަޔަކު ސްރީ ލަންކާހެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން މާލެ އަރައި ދިން ހަމަލާއެކެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަމުން އަންނަނީ އެ ދުވަހު ދިވެހިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.