އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ފެރީގެ ހިދްމަތް ރަސްމިީކޮށް އަނެއްކާވެސް ފަށައިފިއެވެ.
އިއްޔެ ފޭދޫ ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައްޑޫ / ފުވައްމުލަކު ދަތުރުތައް ފައްޓަވާ ދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.
އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓްސް ލިމިޓެޑާއި ހަވާލުކޮށްގެން ފެށި މި ދަތުރުތައް ކުރުމަށް ހިތަދޫ ޕޯޓްސް ލިމިޓެޑުން ވަނީ 30 މީހުންގެ ޖާގަ ހިމެނޭ 3 ލޯންޗާއި 18 މީހުންގެ ޖާގަ ހިމެނޭ އެއް ލޯންޗާއި 105 މީހުންގެ ޖާގަ ހިމެނޭ ފައިބަރު ދޯންޏެއް ގެނެސްފައެވެ.

ހިތަދޫ ޕޯޓްސް އިން ބުނީ ފުވައްމުލަކަށް ދަތުރުތައް ބާއްވާނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. އެ ދުވަސްތަކުގައި އައްޑުއަތޮޅު ފޭދުން ލޯންޗް ފުރާނީ ހެނދުނު 9:00 ގަ އެވެ. އަދި ފުވައްމުލަކުން އައްޑު އަށް ލޯންޗްފުރާނީ މެންދުރު ފަހު 2:00 އިންނެވެ.
ފެރީ ދޯނި ކޮންމެ ދުވަހަކު ފޭދުއާއި ހުޅުދޫއާއި ދެމެދު ދަތުރު ކުރާނެއެވެ. މިގޮތުން ކޮންމެ ދުވަހަކު ހެނދު 6.00 ން ފޭދުން ހުޅުދުއަށް އަދި 7.00 ން ހުޅުދުން ފޭދުއަށް ދަތުރު ބޭއްވުމަށްފަހު ހަވީރު 4.00 ން ފޭދުން ހުޅުދުއަށް އަދި 5.00 ގައި ހުޅުދޫން ފޭދުއަށް ދަތުރު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރަށް ފޭދޫއާއި ހުޅުދޫއާއި ދެމެދު ލޯންޗް ދަތުރުތަކެއްވެސް ފެށިގެންދާނެކަމަށް އެޗްޕީއެލް އިން ބުނެއެވެ.
ހިތަދޫ ޕޯޓްސް އިން ބުނީ ފޭދުއާއި ހުޅުދޫ އާއިދެމެދު ބާއްވާ ދޯނި ދަތުރުތަކުން ކޮޅަކަށް މީހެއްގެ އަތުން ނަގާނީ 25ރ. އެވެ. ލޯންޗު ދަތުރުތަކުގައި ކޮޅަކަށް މީހެއްގެ އަތުން ނަގާނީ 55ރ. އެވެ. އަދި ފޭދުން ފުވައްމުލަކަށް ބާއްވާ ލޯންޗް ދަތުރުތަކުން ކޮޅަކަށް މީހެއްގެ އަތުން ނަގާނީ 290ރ. ކަމަށްވެސް ހިތަދޫ ޕޯޓްސް އިން ބުނެފި އެވެ.