Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ދުނިޔެ ދައްކާ ދަޅަތަކަށް ނުހެއްލޭށެވެ!

އަހަރެންގެ ޒުވާން އުމުރު ހޭދަކުރި ގޮތާ މެދު މިއަދު ދެރަވަމެވެ. ރީތި ކޮންމެ އަންހެނެއް ކާމިޔާބު ކުރުމަކީ އަހަރެންގެ ކަށީގައި ހިފާފައި ހުރި ވިޔާނުދާ އާދައެކެވެ. ހާއްސަކޮން ދޮން ފަލަ އަންހެނުން އަހަރެންނަށް ވަރަށް ކަމުދެއެވެ. މީހަކާ އިނދެ ވެސް އަހަރެންގެ މި އާދައެއް ކަނޑުވައެއް ނުލެވުނެވެ.

މަގުމަތީން ފެންނަ ރީތި އަންހެން ކުދީން ގޭގައި އިންނަ ހަލާލް އަނބިމީހާ އަށް ވުރެ ކަމުދެ އެވެ.

މިކަމުގެ ސަބަބުން ދިރިއުޅުމުގައި މައްސަލަ ޖެހުން ނޫން ކަމެއް ނުވެ އެވެ. ގިނަ އަންހެނުން ނިކަން ފަސޭހައިން ސެޓް ވެސް ވެ އެވެ. ކައިވެންޏަށް ދަރިން ލިބުން ހިސާބުން އެއުޅުން ދޫކޮށްލާން ބޭނުންވި އެވެ. ނަމަވެސް ދަރީންގެ ހައްްޤުޤައި ދެ ގޮތެއް ވެސް ނުވެ ހުރީ އެ ކުދީންގެ މަންމަ އެވ. ހިތާމަކުރާ ޚާލު ޝަކުވާތައް ކޮށްކޮށް ވެސް ތެދުވެރި ފިރިއަކަށްވުމަށް އެދި އިންތިޒާރުގައި އަންހެނުން ހުރީމެވެ. މައްސަލަތަށް ޖެހި އަބަދު ޒުވާބް ކުރާތީ އަހަރެން އޭނާ ދެކެ ވަރަށް ފޫހިވެއެވެ.

ގިނަ ދަރީން ލިބި އަނބިމީހާގެ ރީތިކަން ގެއްލި ދިޔުމުން އަހަރެން އޭނާ ވަރިކޮށް އެހެން މީހަކާ އިނީމެވެ. ނަމަވެސް ހިތްހަމަޖެހުމެއް ނުވެއެވެ. މިގޮތަށް އެތައް ކައިވެންޏެއް ކުރެވިއްޖެއެވެ. ކޮންމެ ކައިވެންޏަކަށް ވެސް 3 މަސް ނުވެ މި ޖެހެނީ ވަރިކުރާށެވެ.

މިގޮތުގައި ދުވަސްތައް ހޭދަވެ ގޮސް އުމުރު ދެބައިވެ މުސްކުޅިކަމުގެ ނުރަ ޖަހައިފި އެވެ .އެއްވެސް އުފަލެއް ނެތެވެ. ލައްކަ އަންހެނުންނާ ވާހަކަ ދެކެވި ބައްދަލުވެ އިނދެވިއްޖެ އެވެ. ނަމަވެސް އެއިން ކޮންމެ އަންހެނަކާ އަހަރެން ފުރަތަމަ އިން އަނބިމީހާއާ އެތައް ގޮތަކުން ނުބައްދަލެވެ. އޭނާ ޝަކުވާ ކުރެއެވެ. އެހެނެއް ކަމަކު ފިރިމީހާ އަދި ކުދީންގެ ހުރިހާ ޒިންމާތައް ނަގަ އެވެ.

ޚަރަދު ބޮޑެއް ނޫނެވެ. ދެ ކޮލައް ފުއްޖަހައި ދެއިރު ދެދަޅައަށް ކުދީން އުކާލާފައި ބޭރުތެރޭ ނުދުވެއެވެ. ހުރިހާ ވަޤުތެއް ހޭދަ ކުރަނީ ކުދީންނާ އެކުއެވެ. ވަޤުތު ނުދެވުނީ މަށަށެވެ. ރައްޓެހީންނާ އެކު ކޮފީތައް މާ މަޖާވީ އެވެ. ރީތި އަންހެނުންނާ ހިތިވީ އެވެ. އަމިއްލަ އުފާތައް ޤުރުބާން ކޮށްގެން ގެތެރޭގައި ދަރީންނައި ފިރީގެ ޒިންމާތައް ނަގާނެ އަނބީން މިއަދު ވަރަށް މަދެވެ. ހިތާމަ އަކީ އަހަރެންނަށް އަހަރެންގެ ޒިންމާތައް އަދާ ނުކުރެވި ފުރިހަމަ އަންބަކަށް އަހަރެންގެ ހިތް އެދެވުން ކަމެވެ.

މިއަދު އަހަރެން ލަދުގަނެ އެވެ. އަހަރެން ތަޢުބާވަމެވެ. އަމިއްލަ ދެއަތުން އުފާވެރި ދިރިއުޅުމެއް ހަލާކުކޮށްލެވުނު އިރު ހޭވެރިކަން ވެސް ނުވި އެވެ. ކުދީންގެ މަންމަ އެހެން މީހަކާ އިނދެގެން އުފަލުގައި އުޅޭ އިރު އަހަރެން މި އިންނަނީ އެފަދަ އަންބެއްގެ އިންތިޒާރުގަ އެވެ.

ދުނިޔޭގެ ދަޅަތަކަށް ހެއްލި ލިބުނު ނިޢުމަތަށް ޝުކުރުވެރި ނުވެ ބޮޑާވެވުނީ އެވެ.

އެކުވެރީންނެވެ. ދުނިޔެ ދައްކާ ދަޅަތަކަށް ނުހެއްލޭށެވެ. އަންހެނުންގެ ޒީނަތައް ނުހެއްލޭށެވެ. އޭގެ ތެރެއިން ގިނަ އަންހެނުންނީ ނަރަކައިގެ ދަރެވެ. ހެޔޮލަފާ އަނބީންނަށް އިންތިޒާރު ކުރާށެވެ. އަހަރެންނަށް މި ލިބުނު ފަދަ ދެރައެއް ތިބާއަށް ވާން ނޭދެމެވެ.

މަސްދަރު: ނަސޭހަތުގެ ދުލުން