Last Updated: July 4, 13:51
Saturday, July 4, 2026
ޚަބަރު

މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫން ކަމަށާއި މާލެއިން ބިން ދޫކުރުން އެންމެ ރަނގަޅީ "ވެށިފަހިމާލެ" ޕްރަގްރާމްގެ ދަށުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލެ ބިމުގެ ބަހުސް ހިނގަމުންދާ ދުވަސްވަރެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ މާލެ އަކީ ވަކި ބައެއްގެ ރަށެއް ނޫންކަން އެމަނިކުފާނުގެ "ކިލާމާލެ" ފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

"މިސާލަކަށް 1750 ގައި މާލެ ބޯހިމެނުމުގައި ފެންނަނީ މާލޭގައި ގިނައިން ދިރިއުޅެނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްރަށުގެ މީހުން ކަން. މިހާރު ކެލާގެއިން ފެށިގެން މާވެޔޮއަތިރިއާ ހަމަައަށް އެއީ ކެލާ އެދުރުކަލޭފާނުގެ ގޯތި. އައްޑޫ ސިއްކަ ގެ އެއީ މިހާރުގެ ސިއްކަގެ އިން ފެށިގެން މާލޭ އުތުރު އަތިރިއަށް. މާލޭގައި ކޮންމެ ރަށަކަށްހެން ގެއެއް ހުންނާނެ. 1750 ގައި ގިނަވާނީ ބަބުރުން, މަލަބާރުން, ތުރުކީ އަދި މިހެން ގޮސް މި ބާވަތުގެ ސަަރަހައްދީ ރަށްރަށުގެ މީހުން," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މާލޭގެ ބިން ދޫކުރުން އެންމެ ރަނގަޅީ "ވެށިފަހިމާލެ" ޕްރަގްރާމްގެ ދަށުން ކަމަށެވެ. އަދި މާލެ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭނެ ގޮތްވުން ބޭނުންތެރި ކަަމަށް ނަޝީދު ވިދާޅުވި އެވެ.

ވެށިފަހިމާލެ ޕްރޮގްރާމަކީ ނަޝީދުގެ ވެރިކަމުގައި ހިންގި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމެއްގެ ދަށުން މާލެ އިން ދޫކޮށްލާ ގޯތީގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ފްލެޓު ދޭން ނިންމި އެވެ.