އެމްޕީއެލްގެ މާލޭ ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ކޮޅުވެއްޓީގައި ތިބީ ޖުމްލަ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީންނެވެ.
ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު، އެއީ ބިދޭސީއެކެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ދިވެއްސަކަށް ވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:44 ހާއިރު ކަމަށެވެ.
މިދިޔަ މަހު ވެސް ކޮޅުވެއްޓިއެެއް ބަންޑުުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާއެެއްގައި ތިން މީހަކު މަރުވެފައިވެ އެވެ.