ކޮންމެ ކަމެއްގައިވެސް ގައުމު އިސްކުރާ ރައްޔިތަކަށް ވުމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭގެ) ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ގޮވާލައިފި އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ، 30 ނޮވެމްބަރު 1998 ގެ އުދުވާނީ ހަމަލާއަކީ ދިވެހިންނަށް ގިނަ ފިލާވަޅުތައް ދަސްކޮށްދިން ހަމަލާއެއް ކަމަށާއި އެގޮތުން މި ހަމަލާގެ ހުރިހާ ފަރާތަކަށް ވަށައިގެން ނަޒަރު ހިންގާލުމުން ފެންނަ ހަގީގަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ކަމެއް ވެސް ކުރުމަށް ފަސްޖެހުމެއް ނެތް ޚާއިނުން މި ގައުމުގައި އަބަދުވެސް ހަރަކާތްތެރިވަމުން ގޮސްފައިވާކަން ކަމަށެވެ.
މިފަދަ ހަމަލާއެއް ކުރިމަތިވެދާނެ ހާލަތަކަށް އަބަދުވެސް ތައްޔާރަށް ތިބުމަށް، ކަމާބެހޭ އެންމެހާ ފަރާތްތަކަށް ސިޔާމް އިލްތިމާސްކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމުގެ މިނިވަންކަމާއި ސުލްހަ މަސްލަހަތަށް ބުރޫއަރާފާނެ އެންމެހާ ހަމަލާތަކުން ގައުމު ދިފާއުކުރެއްވުމަށް ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއް ކުރެއްވުމުގެ މަތިވެރި އަޒުމުގައި ސާބިތުވެ ތިއްބެވުމަށް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ," ސިޔާމް ވިދާޅުވި އެވެ.
މީގެއިތުރުން ސިޔާމް ގައުމަށް ވަފާތެރި، ކޮންމެ ކަމެއްގައިވެސް ގައުމު އިސްކުރާ މުވާތިނަކަށް ވުމަށް ހުރިހާ ރައްޔިތުން އަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރައްވާފަ އެވެ.