ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ އަތުން ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހަތަރު މީހެކެވެ. އެއީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް/މާލެ، އަޙްމަދު ރައިހާން ނަޢީމް، 20، އާއި ކ ގުރައިދޫ އަޅިވިލާގޭ ބްރާހީމް އަނޫފް، 24، ގެ އިތުރުން ހަމަ އެގޭ ޙުސައިން ޝަހުދު، 30، އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އެ މީހުން ޑޮލަރު ފޭރުނީ މިދިޔަ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އެގޮތުން ގައުމީ ބޭންކްގެ މުވައްޒަފުންގެ އަތުން ޑޮލަރު ސޫޓްކޭސް ފޭރިގަތުމަށް ފަހު ފިލާފައި ވަނީ ލޯންޗެއްގަ އެވެ.