Last Updated: July 4, 13:51
Saturday, July 4, 2026
ޚަބަރު

ހައްލަކީ ހުޅުމާލޭގައި ވަކި ކައުންސިލެއް ހެދުން: ނިޔާޒު

ހައްލަކީ ހުޅުމާލޭގައި ވަކި ސިޓީ ކައުންސިލެއް ހެދުން ކަމަށް، ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ނިޔާޒު މިހެން ވިދާޅުވެފައިވަނީ ހުޅުމާލެ އޮންނަން ޖެހޭނީ މާލެއާ ވަކިން, ވަކި ސިޓީއެއްގެ ގޮތުގައި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޔާޒު ވިދާޅުވީ ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް ކުންފުންޏެއްގެ ދަށުން ވަކިކޮށް ކައުންސިލް ދަށަށް ގެންދިއުމަށް އެއްވެސް ސަރުކާރަކުން އެއްބާރުލުމެއް ނުދިން ކަމަށެވެ.

"އޮތް ހަމައެކަނި ހައްލަކީ މާލެއާ ވަކިން ވަކި ސިޓީ ކައުންސިލެއް އުފައްދާ އިހުތިސާސް ވަކިކުރުން،" ނިޔާޒު ވިދާޅުވި އެވެ.

މާލެއާ ވަކިން ހުޅުމާލޭގައި މިނިވަން ވަކި ސިޓީ ކައުންސިލެއް އޮންނަން ޖެހޭ ކަމަށް ޝަމްހީދާއި ނިޔާޒު ގޮވާލައްވާފައި މިވަނީ އައްޑޫ ސިޓީން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކުރަން މިދިޔަ މަހުގެ 25، ގައި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައި ވަނިކޮށެވެ.

އެ ވޯޓުގައި ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލެއް ހަދަން ވޯޓު ދިންއިރު، ފޭދޫ ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ވޯޓު ދިނީ ފޭދޫގައި ވަކި ކައުންސިލެއް ހެދުމާ ދެކޮޅަށެވެ.