Last Updated: July 4, 13:51
Saturday, July 4, 2026
ކުޅިވަރު

ހާލަންޑްގެ ދެ ގޯލުން ސިޓީ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތް 3-1 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ދެވަނައަށް އަރައިފި އެވެ.

ލީގުގެ ދެވަނައިގައި ސިޓީ އޮތީ 10 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި 10 މެޗުން ލިބުނު 25 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. މިއީ ރަޔަން ޗާކީ ބޮލުން ދިން ޕާހަކުން ބޯންމަތްގެ އޭރިއާ ތެރެއަށް ވަދެ ހާލަންޑް ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 25 ވަނަ މިނެޓްގައި ޓައިލާ އެޑަމްސް ބޯންމަތަށް ނަތީޖާ އެއްވަރުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ހާލަންޑް ވަނީ ސިޓީއަށް އަލުން ލީޑު ނަގައިދީފަ އެވެ.

މި ދެ ގޯލާއެކު މި ސީޒަނުގެ ލީގުގައި ހާލަންޑް ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ.

ހާލަންޑަށް ހެޓްރިކް ފުރިހަމަ ކުރަން ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފްގައި ލިބި ބޭކާރުވިއިރު، ސިޓީގެ ތިންވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނިކޯ އޮރައިލީ އެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ލިވަޕޫލްއާ އެވެ.