Last Updated: July 4, 13:51
Saturday, July 4, 2026
ޚަބަރު

ނަސްރުގެ ދުވަސް: ސިފައިން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދަށް

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި ކުރި މި ފަތިސް ނަމާދުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

ފަތިސް ނަމާދަށް ފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ކުރި ޖަމާޢަތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އާއި ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުންވަނީ ބައިވެރިވެފަ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވާފައިވެ އެވެ.

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަޞްރުގެ ދުވަހު ކުރިއަށްގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރެއިން، މިއަދު ހަވީރު 04:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ގދ. ތިނަދޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ސިފައިންގެ ފޮޓޯ މައުރަޒު، ތިނަދޫ ސިޓީގައި ކުރިއަށްދާނީ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގަ އެވެ. އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ކުރިޔަށްދާނީ 8 ވަނަ ދުވަހުގެ ހަވީރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ގަ އެވެ.