Last Updated: July 4, 17:46
Saturday, July 4, 2026
ޚަބަރު

ކޮޅުވެއްޓި ބަންޑުންވި ހާދިސާގައި އިތުރު މީހަކު ނިޔާވެއްޖެ

އެމްޕީއެލްގެ މާލޭ ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އަނިޔާވި ދިވެހި ޒުވާނާ ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲ އެވެ. އެ ޒުވާނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހާދިސާގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ބިދޭސީއަކު ވެސް ނިޔާވެފައިވެ އެވެ.

ފުލުހުން ބުނީ ކޮޅުވެއްޓީގައި ތިބީ ޖުމްލަ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން ހަ މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު އޭގެތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީންނެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 3:44 ހާއިރު އެވެ.

މިދިޔަ މަހު ވެސް ކޮޅުވެއްޓިއެެއް ބަންޑުުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާއެެއްގައި ތިން މީހަކު މަރުވެފައިވެ އެވެ.