Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އައިބީ އަށް އިތުބާރު ނެތް ކަމަށް ބުނެ ޕެޓިޝަނެއް

ރައްުޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) އަށް އިތުބާރު ނެތްކަން ކަމަށް އެ ދާއިރާގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އެ ޕެޓިޝަންގައި ސޮއިކުރަން ފެށީ ފޭދޫގައި ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް އާންމުންގެ ބޮޑު މެޖޯރިޓީއަކުން ވޯޓު ދިނުމުން އުފާ ފާޅުކުރަން އިއްޔެ ބޭއްވި ސައިކަލު ބުރަކަށް ފަހު އެވެ. އައިބީ އަށް އިތުބާރު ނެތް ކަމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ ފޭދޫގައި ވަކި ކައުންސިލެއް ހަދަން މަސައްކަތްކޮށްފައިވާތީ އެ އަވަށުގެ ތަރައްގީ އަށް އޭނަ ހުރަސް އަޅަމުންދާ ކަމަށް ބުނެ އެވެ.

މި ޕެޓިޝަނަށް ފޭދޫގެ ގިނަ ބައެެއްގެ ސޮއި ހޯދުމަށް ފަހު، އެ ޕެޓިޝަން މަޖިލީހަށް ހުށަހަޅާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ އައިބީއާ ދެކޮޅަށް އޭނަގެ ދާއިރާގެ ބަޔަކު އިތުބާރު ނެތްކަމުގެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށި އިރު، މިއީ އޭނަ މަޖިލީހުގެ މެންބަރުކަން ކުރައްވާ ދެވަނަ ދައުރެވެ.

އައިބީ އަކީ މިހާރުގެ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންގެ ބައްޕަ އެވެ.

އޭނަގެ މައްޗަށް ވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން މި އަހަރުގެ ފެބްރުއަރީ މަހު ހުށަހަޅައި މަޖިލީހުގައި ވޯޓެއް ވެސް ނެގި އެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރީ އިހްސާނަށް އިތުބާރު އޮތް ކަމަށެވެ.

އައިބީ އާއި އިހްސާނަކީ ފޭދޫގައި ވަކި ކައުންސިލެއް ހަދަން މިދިޔަ މަހުގެ 25 ގައި ނެގި ވޯޓަށް އެންމެ ބޮޑަށް ކެމްޕޭން ކުރެއްވި ދެ ބޭފުޅުންނެވެ.