Last Updated: June 8, 09:28
Monday, June 8, 2026
މުނިފޫހިފިލުވުން

ޖިމް އަކީ ލޯބިވެރިޔާކަން އެނިސްޓަން ކަށަވަރުކޮށް ދީފި

ވެލްނެސް ކޯޗެއް ކަމަށްޗާ ޖިމް ކާޓިސްއާ ރައްޓެހިވެގެން އުޅޭކަން ހޮލީވުޑްގެ ބަތަލާ ޖެނިފާ އެނިސްޓަން ކަށަވަރުކޮށް ދީފި އެވެ.

އެ ދެ މީހުން ހިތާވެގެން އުޅޭ ވާހަކަ މީޑިއާތަކުގައި އެންމެ ފުރަތަމަ ދެކެވެން ފެށީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެނިސްޓަނާއި ޖިމް އެކީގައި އެކި ތަންތަނުން ފެނިފައިވީ ނަމަވެސް ގުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކަ ނުދައްކަ އެވެ.

އެކަމަކު މިއަދު ފާހަގަކުރާ ޖިމްގެ 49 އުފަން ދުވަހުގެ ތަހުނިޔާއާ އެކު އެނިސްޓަން އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ އެ ދެ މީހުންނަކީ ލޯބިވެރިކަން ކަށަވަރުކޮށްދޭ ގޮތަށް ކެޕްޝަނެއް ހިމަނައިފަ އެވެ. އޭގައި ޖިމްއާ މުހާތަބުކޮށްފައި އޮތީ އޭނަ ލޯބިވެރިޔާގެ ގޮތުގަ އެވެ.

މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" އިން ވިދި އެނިސްޓަން، 56، އަކީ ކުރިން ދެ ކައިވެންޏެއްކޮށްފައިވާ ބަތަލާއެކެވެ.

އޭނަގެ ކުރީގެ ފިރިންނަކީ ހޮލީވުޑްގެ މަޝްހޫރު ތަރިންނެވެ. އެގޮތުން 2000 ވަނަ އަހަރު ބްރެޑް ޕިޓާ ކުރި އެ ކައިވެނި ދެމިއޮތީ 2005 އާ ހަމައަށެވެ. އޭގެ ފަހުން އެނިސްޓަން ކައިވެނިކުރީ އެކްޓަރު ޖަސްޓިން ތެރޯޒްއާ އެވެ. ދެހާސް އެގާރައިގައި ކުރި ކައިވެނި ރޫޅައިލީ 2017 ގަ އެވެ. ދެ ކައިވެންޏަށް ވެސް ދަރިޔަކު ލިބިފައެއް ނުވެ އެވެ.

ޖިމް އަކީ ވެސް ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ.